އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓާގެ މަގާމުގައި ހުންނެވި ޝަމްރާ ޝަމީމް ހަމަޖައްސައިފިއެވެ.
ޕީޖީ އޮފީހުން ކޮށްފައިވާ ޓުވީޓެއްގައި ވަނީ އެމަގާމަށް ޝަމްރާ ހަމައްޖައްސަވައި ލިޔުން ހަވާލުކޮށްފައިވާކަމަށެވެ.
ޖިނާއީ ބައެއް ބޮޑެތި މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރައްވައި ، ގިނަ ދުވަސްތަކެއް ވަންދެން ޕީޖީ އޮފީހަށް ހިދުމަތް ކުރައްވަމުން ގެންދަވާ ޝަމްރާ އެ މަގާމަށް ހަމަޖައްސަވާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ފަޒްނާ އަހްމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ފަޒްނާ އެ މަގާމުން އިސްތިއުފާ ދެއްވައިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގައެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނުގައިވާ ގޮތުން އެ އޮފީހުގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި ދެ ބޭފުޅުން ތިއްބަވަން ލާޒިމެވެ. ނަމަވެސް މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހު ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި މަރިޔަމު ނިހާޔަތު މަގާމުން އިސްތިއުފާ ދެއްވި ފަހުން އެ މަގާމަށް ވެސް އަދި ބޭފުޅަކު ހަމަޖައްސަވާފައެއް ނުވެއެވެ.
ޕީޖީ އޮފީހުގައި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުގައި މިވަގުތު ހުންނެވީ އަލްއުސްތާޛް މަޙްމޫދު ސަލީމް އެކަންޏެވެ. އެބޭފުޅާގެ މަސައްކަތަކީ އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ޕީޖީ އޮފީހުގެ އެންމެހައި ގޮފިތަކުގެ މަސައްކަތްތަކާއި މޭޖަރ ކްރައިމްސް ޔުނިޓުގެ މަސައްކަތްތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ހިންގައި ބެލެހެއްޓުމާއި ވިލަރެސްކުރުމެވެ.
މިހާރުވެސް އެ އޮފީހުގައި ދެ އެސިސްޓަންޓް ޕީޖީ އެބަތިއްބެވެ. އެއީ އަލްއުސްތާޛާ ޖިހާދާ އަނީސް އާއި އަލްއުސްތާޛް ޙުސައިން ނާޝިދު އެވެ. ދެބޭފުޅުންގެ މަސައްކަތްތަކަށް ބަލާއިރު ، ޖިހާދާ އަނީސްގެ މަސައްކަތަކީ ޖެނެރަލް ކްރައިމްސް ޔުނިޓުގެ މަސައްކަތްތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ހިންގައި ބެލެހެއްޓުމާއި ވިލަރެސްކުރުމެވެ . އަދި ހުސައިން ނާޝިދުގެ މަސައްކަތަކީ އިކޮނޮމިކް އެންޑް ފައިނޭންޝަލް ކްރައިމް ޔުނިޓުގެ މަސައްކަތްތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފަޔާއި އިރުޝާދުގެ މަތިން ހިންގައި ބެލެހެއްޓުމާއި ވިލަރެސްކުރުމެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނުގައިވާ ގޮތުން އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށާއި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ބޭފުޅުން އައްޔަންކުރެއްވުމަކީ ޕްރޮސެކިއުޓާ ޖެނެރަލްއަށް ހުންނަވާ ބޭފުޅަކު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެކެވެ.