ޗީފްސް އޮފް ސްޓާފް ކޮމިޓީ (ސީ.އޯ.އެސް.ސީ)ގެ ޗެއަރމަން އަދި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތުގެ ދަތުރުފުޅާ ގުޅިގެން، "މޯލްޑިވްސް އެންޑް އިންޑިއަން ސެކިޔުރިޓީ ޕަރސްޕެކްޓިވްސް" ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް ބާއްވައިފިއެވެ.
އަންގާރަ ދުވަހުގެ ހެނދުނު ބަންޑާރަކޮށީގައި ބޭއްވި މި ޕެނަލް ޑިސްކަޝަންގައި، މަޝްވަރާކުރައްވާފައިވަނީ، އަދުގެ ބަދަލުވަމުންދާ އިސްތިރާޖީ ސަލާމަތީ މަޝްރަހުގައި ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކާއި، އެފަދަ ކަންކަން ހައްލުކުރުމަށް ސަރަޙައްދީ ގޮތުން އަދި ބައިނަލްއަޤްވާމީ ގޮތުން އެޅެންހުރި ފިޔަވަޅުތަކާއި، އެކުވެރި ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމުގެ މުހިންމު ކަމާއި، އަސްކަރީ ޤާބިލްކަން އިތުރުކުރުމާ ބެހޭގޮތުންނެވެ.
މި ޕެނަލް ޑިސްކަޝަންގައި، ޗީފްސް އޮފް ސްޓާފް ކޮމިޓީ (ސީ.އޯ.އެސް.ސީ)ގެ ޗެއަރމަން އަދި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތުއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސުނިލް ސުދީރުގެ އިތުރުން، ދެ ޤައުމުގެ ޑިފެންސް އެޑްވައިޒަރުންނާއި ސިފައިންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.