ކުޑަކުދިންނާއި އާންމުންގެ ފަރާތްތަކާއި މަންދު ކޮލެޖްގެ މުވައްޒަފުން އަދި ދަރިވަރުންގެ ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި "ދާދިވަރު އުފާ"ގެ ނަމުގައި ފެއަރ އެއް ފަށައިފި އެވެ.
މަންދު ކޮލެޖްގެ ފަރާތުން ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން އެ ކޮލެޖްގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް ފައިނޭންސް މަރިޔަމް ރުޝްދާ ވިދާޅުވީ މި ފެއަރގައި ތަފާތު ހަރަކާތްތަށް ކުރިއަށްދާނެ ކަމަށާއި ކުޑަކުދިންނަށް ހާއްސަކޮށް ގިނަ ސްޓޯލްތަކެއް ބެހެއްޓިފައިހުންނާނެ ކަމަށެވެ.
މި ފެއަރ ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހަވީރު 05:00 ން ރޭގަަނޑު 10:30 ގެ ނިޔަލަށެވެ.
މި ފެއަރގެ ތެރެއިން ކުޑަކުދިންނަށް ތަފާތު ހަރަކާތްތަށް ރޭވިފައިވާއިރު ކުޑަކުދިންނަށް ހާއްސަކޮށްފައިވަނީ ހަވީރު 05:00 ން 06:15 އެވެ. އަދި ޒުވާނުންނަށް ރޭވިފައިވާ ހަރަކާތްތައް ކުރިއަށްދާނީ ރޭގަނޑު 08:00 ން 10:30 އަށެވެ.
މި ފެއަރގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ތަފާތު ގޭމްތަކާއި، ހީނާފަތް އެޅުމާއި، ފޭސް ޕެއިންޓިންގ އަދި ކުލަ ޖެއްސުމާއި ހުނަރު ދައްކާލުމުގެ ގޮތުން ބޭއްވޭ ސްޓޭޖް ހަރަކާތްތަކެއް ހިމެނެއެވެ.
ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ބޭއްވޭ ހަރަކާތްތަކުގެ ތެރޭގައި ކެރިއަރ ގައިޑެންސް ޑިޕާޓްމެންޓްގެ ފަރާތުން ބާއްވާ ކެރިއަރ ގައިޑެންސް ދިނުމުގެ ހަރަކާތް ހިމެނެ އެވެ.
މަންދު ކޮލެޖްގެ ވަރޗުއަލް ސިސްޓަމް ބޭނުންކޮށްގެން ރަށްރަށުގައި ތިބެގެންވެސް މި ފެއަރގައި ބައިވެރިވެވޭނެ ކަމަށް އެ ކޮލެޖްގެ ފަރާތުން ވާހަކަ ދައްކަވަމުން ރުޝްދާ ވިދާޅުވިއެވެ.