ލާމު އަތޮޅުގެ ގުދުރަތީ ރީތިކަމާއި ދިރުންތަކާމެދު ރައްޔިތުން ހޭލުންތެރިކޮށް އެތަކެތި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ލާމާފަރު ފެސްޓިވަލް މާމެންދޫގައި ކުރިޔަށް ގެންގޮސްފިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި މިފެސްޓިވަލަށް އެއަތޮޅުގެ 11 ރަށުން 12 ސްކޫލަކުން ދަރިވަރުންނާއި ބެލެނިވެރިން އަދި އާންމުންގެ އިތުރުން ސިކްސް ސެންސަސް ލާމުގެ ފަތުރުވެރިންވެސް ޒިޔާރަތްކޮށްފައެވެ. ފެސްޓިވަލް އިންތިޒާމްކުރި ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ފެސްޓަވަލްއަށް 2000 މީހުން ޒިޔާރަތްކުރިއެވެ. މިއަހަރުގެ ފެސްޓިވަލްގެ ޝިއާރަކީ "އަހަރެމެންގެ ކަނޑުތައް – ރައްކާތެރިކަމާއެކު ހިމާޔަތްކުރެވިފާ"އެވެ.
މި ފެސްޓިވަލް ފެށުމުގެ ގޮތުން ޝަރަފުވެރި މެހެމާން އަދި އިންޑިއަން އައިލެންޑް ގޭމްސްގައި ރާއްޖެއަށް ރަން މެޑަލް ކާމިޔާބުކޮށްދިން އައިޝަތު ރަފާ ނާޒިމް ފެސްޓިވަލްގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަދެއްކިއެވެ.
ރަފާގެ ވާހަކައިގައި ތިރި ޖަޒީރާ ގައުމުތަކާއި އަދި މުޅިދުނިޔެވެސް ނުރައްކަލަށް ހުށަހެޅޭ ފަދަ އަމަލުތައް ކުރާ ބޮޑެތި ގައުމުތަކާ ދެކޮޅަށް އަޑުއުފުލުމުގައި ކުޑަކުދިންނާއި ޒުވާނުން އިސް ނެގުމަށް ގޮވާލިއެވެ. އަދި ސްވިޑަންގެ ކްލައިމެޓް އެކްޓިވިސްޓް ގްރެޓާ ތަންބާގެ ގެ މިސާލު ދައްކާ އެއިން އެނގެނީ ކޮންމެ ކުއްޖަކަށްވެސް ދުނިޔެ ބަދަލުކުރުމުގެ ގާބިލްކަން އެބައޮތްކަންކަމުގައި ރަފާ ފާހަގަކުރިއެވެ.
ފެސްޓިވަލް ފެށުމުގެ ރަސްމިއްޔާތުގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ލާމު އަތޮޅު ކައުންސިލަރުން، ފުލުހުން އަދި އެމްއެންޑީއެފްގެ އިސްވެރިން ބައިވެރިވެފައިވެއެވެ.
ފެސްޓިވަލްގައި ސްކޫލްކުދިން ވަނީ މުޅި ދުނިޔޭގައި މިހާރުކުރިޔަށްދާ ކްލައިމެޓް ސްޓްރައިކްގައި ބައިވެރިވުމުގެ ގޮތުން މޫސުމާ މެދު އެމީހުންގެ ހިޔާލުފާޅުކޮށް ހިނގާލުމެއް ބާއްވާފައެވެ.
މީގެ އިތުރުން ލާމު އަތޮޅުގެ ތާރީހާއި ސަގާފަތް އަދި ތިމާވެށި ޚާއްސަވާ ސަބަބުތައް ދައްކާލުމުގެ ގޮތުން ލާމު ވާހަކައިގެ ނަމުގައި ހުށަހެޅުންތަކެއް ހުށަހަޅާފައިވެއެވެ. އަދި ސްކޫލްތަކުގެ ތިން އުމުރު ފުރަޔަކަށް ބަހާލައިގެން ދެ ޖިންސްގެ ދަރިވަރުން ބައިވެރިވި ފެތުމުގެ މުބާރާތަކާއި ވިސިޓް ލާމުން އިންތިޒާމުކުރި ލާމު އަތޮޅުގެ އެންމެ މޮޅު ފޮޓޯގްރަފަރ ހޮވުމުގެ މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފައިވެއެވެ. 2019 ވަނަ އަހަރުގެ އެންމެ މޮޅު ފޮޓޯގްރާފަރަކަށް ހޮވިފައިވަނީ ލ.ފޮނަދޫ އައިޝަތު ޝިއުނާއެވެ.
މި ފެސްޓިވަލްއަކީ ވޭތިވެދިޔަ ތިން އަހަރުން ލާމު ޓާރޓްލް ފެސްޓިވަލްގެ ނަމުގައި ކުރިޔަށް ގެންގޮސް މިއަހަރު ލާމާފަރު ފެސްޓިވަލްއަށް ބަދަލުކޮށްގެން ކުރިޔަށްގެންދިޔަ ހަރަކާތެކެވެ.
ފެސްޓިވަލް އިންތިޒާމުކޮށްފައިވަނީ ސިކްސް ސެންސަސް ލާމު އަދި ލާމު އަތޮޅު ކަންއުންސިލާއި ޕޮލިސް، އެމްއެންޑީއެފް، ބްލޫމެރިން ފައުންޑޭޝަން، މަންޓާ ޓްރަސްޓް، އޮލިވް ރިޑްލީ ޕްރޮޖެކްޓް، ހޮރައިޒަން ފިޝަރީޒް އަދި ލާމުއަތޮޅުގެ އެހެނިހެން ސަރުކާރު އިދާރާތައް ގުޅިގެންގެންނެވެ.