ދިވެހި ފަތުރުވެރިކަމުގެ ނާރެހަކީ، މިޖަޒީރާތަކުގެ ތަބީއީ ރީތިކަމާއި ގުދުރަތީ މުއްސަނދިކަންކަމަށާއި، ތިމާވެށި ހިމާޔަތްކޮށް، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއްކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.
ރައީސްގެ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ، ފަތުރުވެރިކަމުގެ ސިނާއަތާ މެދު، އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، އެ ސިނާއަތް އިތުރަށް ކުރިއަރުވައި ތަރައްގީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަތުން ކަމަށެވެ.
އެކަންކަން ހައްލުކުރާނެ ގޮތްތަކާމެދު، ބައިނަލްއަގްވާމީ މުޖްތަމައު ގުޅިގެން މަސައްކަތް ކުރުމަށް ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން އެމަނިކުފާނު ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއްގެ ތަރަހައަކީ، ހަމަޖެހުމާއި ސުލްހަ މަސަލަސް ކަންކަމުގައި ވިދާޅުވެ، ޖަޒީރާ ރަށްތަކުގައި ފަތުރުވެރިކަން އާލާވުމުގެ މައިގަނޑު ސަބަބަކީ ވެސް، ދުނިޔޭގެ ހަލަބޮލިކަމާއި ހަމަނުޖެހުންތަކުން ވީއްލި، ހިންދު ކަނޑުގެ ޖަޒީރާތަކުގައި ފައި ބީއްސައިލުމުން ލިބިދޭ ހަމަޖެހުމާއި އަމާންކަން ކަމުގައި ސިފަކުރައްވާފައެވެ.
މީގެ 47 އަހަރު ކުރިން ދިވެހި ފަތުރުވެރިކަން އުފަންވީ އެންމެ 60 އެނދާ އެކުގައި ރާއްޖޭގެ ހިތްވަރުގަދަ ދެތިން ވިޔަފާރިވެރިން، މި ޞިނާޢަތް ފަށްޓަވައި ކޮޅަށް ޖައްސަވައިދެއްވީ، މިޖީލުގެ މީހުންނަށް ތަޞައްވުރުވެސް ނުކުރެވޭހާ ގިނަ ހުރަސްތައް ގިރާކުރައްވައިފައެވެ. މިއަދު ރާއްޖޭގައި ހިންގާ 567 ގެސްޓް ހައުސް، 154 ސަފާރީ، 149 ރިސޯރޓް އަދި 10 ޓޫރިސްޓް ހޮޓާ އެބަ ހުރި. މި ތަންތަނުގައި 47114 އަށް ވުރެ ގިނަ ޓޫރިސްޓް އެނދު ހުރިއިރު، ރާއްޖޭގެ ފަތުރުވެރިކަމަކީ، ދުނިޔޭގެ ބާޒާރުގައި ނަން ހިނގާ، އެންމެ މަޤުބޫލު މަރުކާއިބްރާހިމް މުހައްމަދު ސޯލިހު - ރައީސުލްޖުމްހޫރިއްޔާ
ރައީސް ވިދާޅުވި ގޮތުގައި، މިހާރު ދިވެހިންގެ އަމާޒަކަށް ވާންވީ، ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަގްބޫލުކަމުގެ ފައިދާ، މިހާރަށްވުރެވެސް ފުޅާ ގޮތެއްގައި، ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައި، ފަރުދުންގެ އިގްތިސާދަށް އެނގުންވާނެ ފަދައިން ރަށު ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުންކަމުގައެވެ.