Advertisement
ކ. މާލެ
|
27 ސެޕްޓެންބަރ 2019 | ހުކުރު 12:49
މާމެންދޫ ބޭރުތޮށި ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު
މާމެންދޫ ބޭރުތޮށި ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު
ޕްލޭނިން މިނިސްޓްރީ
ތިން ރަށެއްގެ ބަނދަރު ހެދުމަށް ހަވާލުކޮށްފި
ހަވާލުކުރީ މާމެންދޫ، މާވަށް އަދި މިލަދޫ ބަނދަރުގެ މަޝްރޫއު
މާވަށް އަދި މިލަދޫގެ ބަނދަރުގެ މަޝްރޫއު ހަވާލުކުރީ އެމްޓީސީސީއާ

ތިން ރަށެއްގެ ބަނދަރުގެ ހެދުމުގެ މަޝްރޫއު ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ގއ. މާމެންދޫ އާއި ލ. މާވަށް އަދި ނ. މިލަދޫ ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދަން ދެ ކުންފުންޏަކަށް ހަވާލުކުރީ ޕްލޭނިން މިނިސްޓްރީން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ނ. މިލަދޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާރމެނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ ޝާހިދު ހުސެއިން މޫސާ އެވެ.

330 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މިމަޝްރޫއުގެ ތެރެއިން 36215 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް 1000 ކިއުބިކް މީޓަރަށް ނެރު ފުން ކުރާނެ ކަމަށާއި، ރިވެޓްމެންޓް ޖަހާނީ 137 މީޓަރަށް ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ. އަދި 248 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓެއް ލައި 286 މީޓަރު އެއްގަމު ތޮއްޓެއް އަދި 14 ބަނދަރު ބައްތިއާއި ދެ ނެރު ބައްތި ހަރުކުރާނެ އެވެ. އޭގެ އިތުރަށް 1430 ސްކެއާ މީޓަރުގެ ޕޭވްމަންޓަކާއި އެއް ރޭމްޕުގެ އިތުރަށް 10 މޫރިން ބްލޮކްސް އާއި 20 މީޓަރުގެ ގްރޯއިން ލާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަޝްރޫއަށް 42,183,081.60 (ސާޅިސް ދެމިލިއަން އެއްލައްކަ އަށްޑިހަ ތިންހާސް އަށްޑިހަ އެއްރުފިޔާ ފަސްދޮޅަސް ލާރި) ހޭދަވާނެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ލ.މާވަށު ބަނދަރު ހެދުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ .

Advertisement

ޕްލޭނިން މިނިސްޓްރީން ބުނީ މިމަޝްރޫއުގެ ދަށުން 284 މީޓަރުގެ ބޮޑުހިލަގެ ބޭރު ތޮއްޓަކާއި 110 މީޓަރުގެ އެއްގަމު ތޮއްޓަކާއި 40 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ ކަމަށާއި، ދެ ނަރުބައްތި ހަރުކޮށް އެއް ރޭމްޕާއި 550 އަކަމީޓަރުގެ ޕޭވްމަންޓެއްގެ އިތުރުން 10 މޫރިން ބްލޮކްސް އާއި 15300 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރާނެ ކަމަށެވެ. އަދި ނެރު ފުން ކުރާނީ 11585 ކިއުބިކް މީޓަރަށެވެ.

27,376,010.50 (ހަތާވިސް މިލިއަން ތިންލައްކަ ހަތްދިހަ ހަހާސް ދިހަ ރުފިޔާ ފަންސާސް ލާރި) ގެ މި މަޝްރޫއު 330 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

މީގެ އިތުރުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ގއ.މާމެންދޫ ބޭރުތޮށި ހެދުމުގެ މަސައްކަތް ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވަނީ ހަވާލުކޮށްފައެވެ.

މިމަޝްރޫއު 31,141,293.26 (ތިރީސް އެއްމިލިއަން އެއްލައްކަ ސާޅިސްއެއްހާސް ދުއިސައްތަ ނުވަދިހަ ތިން ރުފިޔާ ސައްބިސް ލާރި) ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރޫއު 450 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މަޝްރޫއުގެ ދަށުން 75 މީޓަރުގެ ނެރު ފައި ކަށި ޖަހައި، 600 މީޓަރު ރިވެޓްމެންޓް ޖަހާނެ ކަމަށެވެ. އަދި ދެ ނެރުބައްތި ހަރުކޮށް ބޭރު ތޮއްޓަށް ކުދި އުޅަނދު ކައިރި ކުރުމަށް ހަ އެކްސެސް ޖެޓީ ގާއިމުކުރާނެ ކަމަށާއި، 13 މޫރިން ބްލޮކްސް އާއި 1992 އަކަ މީޓަރުގެ ޕޭވްމަންޓެއް ލައި 32 ބައްތި ހަރުކުރާނެ ކަމަށެވެ. އަދި 12969 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށް 30240 ކިއުބިކް މީޓަރަށް ނެރު ވެސް ފުން ކުރާނެ ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް