ސަރުކާރުން ތަސައްވަރު ކުރާ ފަދަ ތަނަކަށް ޖަލު ހެދުމަށްޓަކައި އެންމެ ބޮޑު ބަދަލެއް އަންނަން ޖެހެނީ ޖަލު އޮފިސަރުންނަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް 48 އަހަރު ފުރުުން ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެރޭ މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، ކުށްކުރާ މީހުން ޖަލުގައި ބަންދުކުރަން ޖެހޭ ސަބަބަކީ، މުޖުތަމައު ސަލާމަތްކޮށް އިސްލާހުކޮށް އަދި އެކުށް ތަކުރާރު ނުކުރާ ބައެއްގެ ގޮތުގައި އަލުން އަނބުރާ މުޖުތަމައަށް ގެނައުމަށް ކަމަށެވެ.
ކުށްކުރާ މީހުން ޖަލުގައި ބަންދުކުރަނީ އެ ފަރާތްތަކާމެދު އިހާނެތިކޮށް ކަންކަން ކުރަން ނޫންކަން ފާހަގަ ކުރައްވަމުން އިމްރާން ވިދާޅުވީ، ކަރެކްޝަނަލް ސަރވިސްގެ ކާމިޔާބީ މިންކުރުމަށް ބަލާ މިންގަނޑަކީ ޖަލު ގޮޅިގައި ބަންދުކުރެވިފައި ތިބޭ މީހުންގެ އަދަދު ނޫން ކަމަށާއި، އެކަމުގައި ބަލާ މިންގަނޑަކީ ކުށް ސާބިތުވެގެން ޖަލަށް އަންނަ މީހުންގެ ތެރެއިން އިސްލާހުވުމަށް ފަހު ޖަލުން ނިކުމެ ކުށް ތަކުރާރު ނުކުރާ މީހުންގެ ނިސްބަތް ކަމަށެވެ. އަދި ހަމައެއާއި އެކު ސަރުކާރުން ތަސައްވަރުކުރާ ތަނަކަށް ޖަލު ހެދޭނީ އޮފިސަރުންގެ ވިސްނުމަށް ބަދަލު އައިސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން ތަސައްވަރުކުރާފަދަ ތަނަކަށް ޖަލުހެދުމަށްޓަކައި އެންމެ ބޮޑު ބަދަލެއް އަންނަން ޖެހެނީ ތިބޭފުޅުންގެ ވިސްނުމަށް. ތިބޭފުޅުން ގެ ވިސްނުމަށް އެބަދަލު އައިސްގެން ނޫންގޮތަކަށް މިކަން ވާކަށްނެތް. ސަރުކާރުގެ ސިޔާސަތު ކިތަންމެ ރަނގަޅަށް އޮތަސް އެކަން ތަންފީޒުކުރަން ތިބޭބަޔަކީ ތި ބޭފުޅުން. ޖަލުގައި މީހުން ބަންދުކުރުމުގައި އަޅުގަނޑުމެން މިގެންގުޅޭ ފަލްސަފާ ތިބޭފުޅުން ބަލައިގަންނަން އެބަޖެހޭ. ޖަލުގައި ބަންދުކޮށްފައި ހުންނަ މީހާއާމެދު ދެކޭ ގޮތް އެބަ ބަދަލުވާން ޖެހޭ.އިމްރާން އަބްދުﷲ/ މިނިސްޓަރ އޮފް ހޯމް އެފެއާޒް
އެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ކަރެކްޝަނަލް ސަރވިސްގެ ވަޒީފާއަކީ ހަމައެކަނި އާމްދަނީ ހޯދުމަށް އޮތް ފުރުސަތެއް ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ. އެ މުއައްސަސާގެ ނަމުންވެސް ރަމްޒުކޮށްދޭ ފަދައިން އެއީ ވަރަށް އަގުހުރި ހިދުމަތެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އޮފިސަރުންނާ މުހާތަބު ކުރައްވާ މިނިސްޓަރު ވިދާޅުވީ، ކޮންމެ އޮފިސަރަކީވެސް ޤައިދީން އަނބުރާ މުޖުތަމައަށް ގެނައުމަށް އެހީތެރިވެދޭ އާރުކާޓީއެއް އިތުރުުން އިންސާނީ، އިޖުތިމާއީ އަދި ފާރަވެރިއެއްގެ ގޮތުގައި ވާން ޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖަލުގެ ހާލަތު ބެލުމަށް ހަދާފައިވާ ޖަލު އޮޑިޓް ރިޕޯޓަށް އިޝާރަތް ކުރައްވާ ކުރިން ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވަން ޖެހި ވަޑައިގަތް އިމްރާން ވިދާޅުވީ، ޖަލުތަކުގެ އޯޑިޓާއެކު، ޖަލުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަޅަންވާ ފިޔަވަޅުތައް ދެނެގަނެވިފައިވާ ކަމަށެވެ.
ހަމައެއާއެކު އިސްލާހުކުރުމަށް އަޅުގަނޑުމެން ހުށަހަޅާފައިވާކަންކަން މައުނަވީ ގޮތެއްގައި އިސްލާކޮށްދެއްވާ، އެކަންކަމާގުޅިގެން ފުރިހަމަކުރަންވާ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަން އަށާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަން އަށް އަޅުގަނޑު އިލްތިމާސްކުރަން.ހޯމް މިނިސްޓަރު ~ އިމްރާން އަބްދުﷲ~
މިނިސްޓަރު ވިދާޅުވީ، ޖަލުގައި ބަންދުކުރެވޭ މީހުންނާމެދު އަމަލުކުރުމުގައި 2015 ވަނަ އަހަރު މުރާޖާކޮށް އދ އިން ނެރެފައިވާ، ނެލްސަން މަންޑޭލާ ރޫލްސް ގެ ދިވެހި ތަރުޖަމާ ޖަލު އޮފިސަރުންނަށް މި އަހަރު ތެރޭގައި ދޭން ހަމަޖެހިފައިވާ ކަމަށެވެ.