ރާއްޖޭގެ ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ، މާލެއާއި އަތޮޅުތަކުގައި މިއަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ބުނެފިއެވެ.
މިސަރވޭއަކީ ކޮންމެ ފަސް އަހަރަކުން ބިއުރޯގެ ފަރާތުން ކުރަމުން އަންނަ ސަރވޭ އެކެވެ. މިގޮތުން އެކި އެކި ބުރުތަކަކަށް ބަހާލެވިގެން މިފަހަރުގެ ސަރވޭވެސް މިއަހަރު ތެރޭގައި މާލެ އާއި އަތޮޅުތަކުގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ނޭޝަނަލް ބިއުރޯ އިން ބުނީ މާލޭގެ ފުރަތަމަ ބުރު، މިސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު، ހޮވާލެވިފައިވާ ސަރަހައްދުތަކުގައި ތަންތަނުގެ ލިސްޓް ނެގުމުގެ މަސައްކަތް ބިއުރޯގެ ފަރާތުން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެތެރެއިން ގުރުއަތުން ހޮވާލެވޭ ގޭބިސީތަކެއްގައި މި ސަރވޭގެ އިތުރު ސުވާލުކަރުދާސްތައް ފުރުމުގެ މަސައްކަތް މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާނެ ކަމަށާއި، އަތޮޅުތަކުގައި ވެސް މިސަރވޭގެ މަސައްކަތް އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް ނޭޝަނަލް ބިއުރޯއިން މައުލޫމާތުދެއެވެ.
ނޭޝަނަލް ބިއުރޯ އިން ބުނީ މިއަހަރު ސަރވޭގެ މައުލޫމާތުއެއްކުރުމުގެ މަސައްކަތް ކުރެވޭނީ ސެޕްޓެމްބަރ، އޮކްޓޯބަރ އަދި ނޮވެމްބަރ މަހުގައި ކަމަށާއި، މާލޭގައި މިސަރވޭ ކުރުމަށް ރޭވިފައިވަނީ ހޮވާލެވޭ ޖުމްލަ 1080 ގޭބިސީއަކުން ކަމަށެވެ. އަދި އަތޮޅުތެރޭގެ 20 އަތޮޅުން ހޮވާލެވޭ ޖުމްލަ 4760 ގޭބިސީއެއްގައި މިސަރވޭ ކުރެވޭނެ ކަމަށެވެ.
ނޭޝަނަލް މިބިޔުރޯއިން ބުނީ މިސަރވޭ ކުރުމަށް ތަމްރީންކުރެވިފައިވާ ޓީމެއް ގޭބިސީތަކަށް ޒިޔާރަތްކުރާނެ ކަމަށާއި، މިމައުލޫމާތު އެއްކުރަން ގޭބިސީތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކަމާބެހޭ ލިކެކިޔުންތަކާއި ކާކުކަން އަންގައިދޭ އައިޑީ ކާޑެއް ދެވިފައިވާނެ ކަމަށެވެ.
އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 6:00 އާއި ދެމެދު ބިއުރޯގެ ޓީމްތައް ސަރވޭގެ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެއެވެ.
މިސަރވޭއަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގަވާއިދު 2012ގެ ދަށުން ހުއްދަލިބިގެން ކުރެވޭ ސަރވޭއެވެ. މިސަރވޭއިން އެއްކުރެވޭ ވަކިފަރުދެއް ނުވަތަ ގޭބިސީއެއްގެ މައުލޫމާތަކީ ސިއްރެއްގެގޮތުގައި ހިފެހެއްޓޭނެ އެއްޗެކެވެ. މިގަވާއިދުގައި ކަނޑައެޅިފައިވާގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައިއުޅޭ މީހަކު އެދިއްޖެ ހިނދެއްގައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަށް ލާޒިމުވެއެވެ.
މިސަރވޭއަކީ ބޮޑު ހޭދައެއް ކޮށްގެން ހިންގާ ގައުމީ ބޮޑުމަސައްކަތަކަށް ވުމާއި އެކު، އާއްމުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ނޭޝަނަލް ބިއުރޯއިން ވަނީ އެދިފައެވެ.