Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 12:51
ރައީސް ސޯލިހު \"ޕާލޭ\" ގައި ތަގްރީރް ކުރައްވަނީ
ރައީސް ސޯލިހު "ޕާލޭ" ގައި ތަގްރީރް ކުރައްވަނީ
ރައީސް އޮފީސް
ރައީސް ސޯލިހު
ދިވެހި ކަނޑުތައް ޕްލާސްޓިކުން ސަލާމަތް ކުރުމަށް "ޕާލޭ" އާއި ގުޅިގެން މަސައްކަތް ކުރަނީ
ކަނޑުތަކަށް އުކާލެވޭ ކުނީގެ މައްސަލައަށް ޙައްލެއް ހޯދައި ޕްލާސްޓިކް ނެތް ކަނޑުތަކެއް ޤާއިމް ކުރަންޖެހޭ ކަމަށް ވިދާޅުވި

ރާއްޖޭގެ ކަނޑުތައް ޕްލާސްޓިކުން ސަލާމަތްކުރުމަށް ޕާލޭއާ ގުޅިގެން މަސައްކަތްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުގެ މި ނިންމުން އިއުލާނުކުރައްވާފައި ވަނީ އ.ދ.ގެ އާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި، "ޕާލޭ ފޮރ ދަ އޯޝަންސް" އާއި ދިވެހިރާއްޖެއާއި ދެމެދު މިކަމާބެހޭ ޚާއްސަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކަނޑާއި ކަނޑުގެ ދިރުންތަކަކީ ދިވެހީންގެ ސަޤާފަތާއި، އާންމު ދިރިއުޅުމާއި، އަދި ދިވެހި ބަހާއިވެސް ގުޅި ލާމެހިފައިވާ އެއްޗެއް ކަމަށެވެ. ކަނޑުތަކަށް އުކާލެވޭ ކުނީގެ ނުރައްކާތެރިކަން މި ހުރިހާ ކަމަކާގުޅިފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ސޯލިހު ވިދާޅުވީ ކަނޑުތަކުގެ ރައްކާތެރިކަމަކީ، ރާއްޖޭގެ ދެމިއޮތުމާއި ގުޅިފައިވާކަމެއް ކަމަށެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ހުއްޓާލާނެކަމަށް އެމަނިކުފާނު މިފަހަރުގެ އދ ގެ ޢާންމު މަޖިލީހުގައި ވިދާޅުވި ވިދާޅުވުން، މި ރަސްމިއްޔާތުގައި ވަނީ ތަކުރާރު ކުރައްވާފައެވެ. ރައީސް ސޯލިހު ވިދާޅުވީ މީގެ އެއްބޭނުމަކީ ކަނޑުތަކަށް އުކާލެވޭ ކުނީގެ މައްސަލައަށް ހައްލެއް ހޯދައި ޕްލާސްޓިކް ނެތް ކަނޑުތަކެއް ޤާއިމް ކުރުން ކަމަށެވެ.

Advertisement

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތައް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމުގެ މައްޗަށް ކަމަށެވެ. މީގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުމާއި، ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ޕްލާސްޓިކް ނޫން، ތިމާވެއްޓާއި ރަހުމަތްތެރި ގޮތެއް ހޯދަން ވިޔަފާރިތަކަށް ގޮވާލައްވާފައެވެ. ޕްލާސްޓިކް މަދު ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، މިކަމުގައި ޒިންމާދާރު ދައުރެއް އަދާކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށާއި ބޮޑެތި ވިޔަފާރި ކުންފުނިތަކަށް އެ މަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ މައްސަލައަށް ޙައްލެއް ހޯދުމުގައި ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ފައިތިލަ ސާބިތު ކުރަމުންދާނެކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި މަސައްކަތުގައި އެހެން ޤައުމުތަކަށް މިސާލު ދެއްކުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ. ނަމަވެސް، މިއީ ރާއްޖެއިން އެކަނި ކުރާ މަސައްކަތުން ޙައްލު ކުރެވޭ ވަރަށްވުރެ ބޮޑު މައްސަލައެއް ކަމުގައި ވިދާޅުވިއެވެ.ރައީސް ސޯލިހު ވިދާޅުވީ ކަނޑުތަކަށް އުކާލެވޭ ކުނީގެ މައްސަލައަކީ، ވަކި ޤައުމަކަށް ޚާއްސަ މައްސަލައެއް ނޫންކަމަށާއި، މިކަމަށް ބޭނުންވަނީ ހުރިހާ ޤައުމުތަކަކުން ގުޅިގެން މަސައްކަތް އެކުގައި މަސައްކަތް ކުރުން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ "ޕާލޭ ފޮރ ދަ އޯޝަންސް" އަކީ ކަނޑުތަކުގެ ދިރުމާއި އިންސާނީ ދަރިފަސްކޮޅުގެ ދެމިއޮތުމާ އޮތް ގުޅުން ދަންނަ، ކަނޑުތަކުގެ ދިރުންތަކުގެ ރައްކާތެރިކަމަށް މަސައްކަތްކުރާ މަދު ޖަމުޢިއްޔާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ޖަމުޢިއްޔާއެއް ކަމަށެވެ. މި ޖަމްއިއްޔާއިން ރާއްޖޭގައި ހިންގާ ގޮތްޕަކީވެސް ފާހަގަކޮށްލެވޭ، އަދި ތައުރީފު ހައްޤު މަސައްކަތްތަކެއް ކުރާ ގޮތްޕެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް