Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2019 | ބުރާސްފަތި 07:14
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު
ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު
ރައީސް އޮފީސް
ރައީސް ސޯލިހު
އިގްތިސޯދީ ކުރިއެރުން ހާސިލު ކުރެވޭނީ ކަނޑުތަކާ ރައްޓެހި އާދަތަކެއްގެ ތެރެއިން: ރައީސް
ކަނޑުފަޅުގެ މާހައުލުގެ ދިރުންތައް ދެމެހެއްޓުމަށް ވަނީ ހަމަޖެހިފައި
ރާއްޖޭގެ ކަނޑުފަޅުގެ ދިރާސާތައް ކުރެވޭނެ
ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުން މުހިންމު

އިގްތިސޯދީ ކުރިއެރުން ހާސިލު ކުރެވޭނީ އަދި ކުރަންވާނީ ވެސް ކަނޑުތަކާ ރައްޓެހި އާދަތަކެއްގެ ތެރެއިންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއާ އެޖަމާއަތާ ދެމެދު އެއްބަސްވެ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނަކީ ނޫ އިގްތިސޯދު ކުރިއަރުވާ، ކަނޑުތަކުގެ ރައްކާތެރިކަމަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައިނަލްއަގްވާމީ ވިއުގައެކެވެ. ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ރާއްޖެއާ ދެމެދު ވެވުނު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އދ. ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ، އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދެވެ. ބްލޫ ޕްރޮސްފެރިޓީ ކޯލިޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ވައިޓް ފައުންޑޭޝަންގެ ޗެއަރމަން ޓެޑް ވައިޓްއެވެ.

ކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ކުރާ މަސައްކަތް ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ޖަމާއަތުގެ ސިފަތަކާ އަސާސްތަކަކީ ރާއްޖެއިންވެސް ގަބޫލުކުރާ ކަންތައްތަކެއްކަމުގައި ސިފަކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން ހާމަކުރައްވައި އިގްތިސާދީ ކުރިއެރުން ހާސިލުކުރުމުގައި ކަނޑުތަކާ ރައްޓެހި އާދަތަކެއް، ސައިންޓިފިކް ހޯދުންތަކުގެ އެހީގައި ހޯދައި އެގޮތަށް އަމަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

Advertisement

މި އެއްބަސްވުމުގެ ދަށުން، ރާއްޖެއާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނުން ގުޅިގެން ދެމެހެއްޓިނިވި ދުރު ރާސްތާ ޕްރޮގްރާމެއް އެކަށައެޅުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކަނޑުފަޅުގެ މާހައުލުގެ ދިރުންތައް ދެމެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ސަރަހައްދީ ކަނޑުތަކާއި ޖަޒީރާ ކަނޑުތަކާއި އެކްސްކްލޫސިވް އިކޮނޮމިކް ޒޯންވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ސައިންސާއި އިލްމީ ހޯދުންތަކުގެ އަލީގައި ރާއްޖޭގެ ކަނޑުފަޅުގެ ދިރާސާތައް ކުރުމަށް މަގުފަހިވެ، ޢާންމު ފަރާތްތަކާއި ސައިންސްވެރިންގެ މަސައްކަތްތަކަށް ވެސް އެހީތެރިކަން ލިބޭނެއެވެ.

މި އެއްބަސްވުމުގައިވާ ގޮތުން 6 އަހަރު ދުވަހުގެ މުއްދަތަށް ތައްޔާރުކުރެވޭ މި ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން އަމާޒުހިފާފައިވަނީ ރާއްޖޭގެ ކަނޑުތަކުގެ 20 އިންސައްތައަކީ ރައްކާތެރިކުރެވިފައިވާ ކަނޑުގެ ސަރަޙައްދުތަކަށް ހެދުމަށެވެ. މީގެއިތުރުން އޭޝިޔާ ބައްރުގެ ކަނޑުގައި އުޅޭ ކަޅުބިލަމަހުގެ ރިޒާވް މެނޭޖްކުރުމަށް ސަރަހައްދީ އެއްބާރުލުން ހޯދަން މަސައްކަތް ކުރުމާއި ނޫ އިގްތިސާދު ކުރިއެރުވުމަށް ޕްރޮގްރާމެއް އެކުލަވާލައި ކަނޑުގެ ދިރުންތައް ދެމެހެއްޓުމުގައި ބަލަންޖެހޭ ކަންތައްތަކާއި އެއްގޮތައް ޢަމަލުކުރޭތޯ ބެލުންވެސް މިޕްރޮގްރާމުގައި ހިމެނެއެވެ.

މިބައްދަލު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުތަކާ ގުޅޭގޮތުން ސައިންސްވެރިން ހޯދާ ހޯދުންތަކުގެ އަލީގައި ކަނޑުފަޅުގެ ދިރުންތައް ދަމަހައްޓައި، ކަނޑުތައް ބެލެހެއްޓުމުގައި ރާއްޖެއިން ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމުގައި ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ފަށާ މި މަސައްކަތަކީ ދެފަރާތައްވެސް ވަރަށް ފައިދާހުރި ގުޅުމަކަށް ވާނެކަމަށް އުންމީދުކުރައްވާކަން ފާހަގަ ކުރެއްވިއެވެ. އަދި، ކަނޑުތަކުގެ ރައްކާތެރިކަމަކީ ރާއްޖޭގެ ގައުމީ މަސްލަހަތާއި ގުޅި ލާމެހިފައިވާ ކަމެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ބްލޫ ޕްރޮސްޕެރިޓީ ފައުންޑޭޝަންގެ މަގްސަދަކީ އެ ޖަމާއަތުގައި ބައިވެރިވެފައިވާ ގައުމުތަކުން ގުޅިގެން ދުނިޔޭގެ ކަނޑުގެ 30 އިންސައްތަ ރައްކާތެރި ކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް