ކުރިއަށް އޮތް 3 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފުލުހުން ތިބޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މަޖިލީހަށް ހާޒިރުވެ، ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ކެލާ ދާއިރާގެ މެމްބަރު މިނިސްޓަރާއި ސުވާލުކުރައްވާފައިވަނީ މިހާރު ޕޮލިސް ސްޓޭޝަން ނެހެދި ހުރި ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދޭނީ ކިހާތާކުތޯ އާއި ގުޅޭ ގޮތުންނެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ކުރިއަށް އޮތް ތިން އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ފުލުހުން ތިބޭނެ ކަމަށެވެ. އެގޮތުން އަންނަ މަހު 4 ނުވަތަ 5 ވަރަކަށް ރަށުގައި ފުލުހުންގެ މަރުކަޒު ޤާއިމްކުރެވިގެންދާނެ ކަމަށެވެ.
"އެހެންނަމަވެސް އަޅުގަނޑުމެން މި ދަނީ އުސޫލްތަކަކަށް ބަހާލައިގެން އަހަރުތަކެއްގެ މައްޗަށް ބަހާލައިގެން، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ނުވަތަ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ގާއިމްކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުން"އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ކަނޑައެޅިފައިވާ ބަޖެޓަކީ ދައުލަތުގެ މުއައްސަސާތަކުގެ ބަޖެޓްގެ ތެރެއިން ދެވަނަ އަށް އެންމެ ބޮޑު ބަޖެޓް ކަމުގައިވީނަމަވެސް ،އަތޮޅުގެ ތެރޭގެ ހުރިހާ ރަށެއްގައި ފުލުހުން ބޭތިއްބުމަށް ކުރަންޖެހޭ ޚަރަދާއި ހޯދަންޖެހޭ ވަސީލަތްތަކަށް ބަލާއިރު އެއްފަހަރާ މި ކަންކަން ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ފުލުހުންނަށް އަދި އެ ޤާބިލްކަން ލިބިފައިވާ ނުވާ ކަމަށެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ ސަރުކާރުން އެކަށައަޅާފައިވާ ނިޒާމަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ފުލުހުން ތިބެވޭނެ އިންތިޒާމެއް ގާއިމް ކުރުން ކަމަށެވެ.