ހައިޑްރޮޕޯނިކްސް ގަސްހެއްދުމުގެ ތަމްރީން ޕްރޮގްރާމުގައި 20 ފަރާތަކުން ބައިވެރިވިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ގޯތި ތެރޭގައިވާ ހުސް ބިންކޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތް ކޮށްގެން އެދެވޭ މަންފާއެއް ހޯދުމުގެ މަގު ފަހިކޮށްދިނުމަށްޓަކައި ދަނޑު ބިމުގެ ގޮތުގައި ބޭނުންކުރާ މިންވަރަށް އެކަށީގެންވާ ބިން ލިބެން ނެތް ރަށްރަށަށް ހައިޑްރޮޕޯނިކްސްގައި ދަނޑުވެރިކަން ކުރުމުގެ ނިޒާމް ތައާރަފްކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށާއި މިއަހަރު ހައިޑްރޮޕޯނިކްސް ޕްރޮގްރާމް ހިންގާފައިވަނީ ބ. މާޅޮހުގައި ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ބ. މާޅޮހުގެ 10 ގެއެއްގައި ހައިޑްރޮޕޯނިކްސް ނިޒާމު މިނިސްޓްރީން މިހާރު ވަނީ ޤާއިމްކޮށްދީފައި ކަމަށާއި ތަމްރީން ޕްރޮގްރާމުގައި ޖުމްލަ 20 ފަރާތުން ބައިވެރިވެފައިވާއިރު މިޕްރޮގްރާމްގެ ދަށުން ހައިޑްރޮޕޯނިކްސް ނިޒާމު ޤާއިމްކޮށްދީފައިވާ ކޮންމެ ގެއެއްގައި ލެޓިއުސް ފަދަ ފަތްޕިލާވެލި ހައްދާ ސިސްޓަމަކާއި ކިޔުކަންބާ އަދި މެލަންގެ ބާވަތްތައް ހެއްދުމަށް ޚާއްސަ ސިސްޓަމެއް ޤާއިމް ކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަހީދުއެވެ. ފަތްޕިލާވެލި އިންދުމަށް ޚާއްޞަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 12 ކިލޯ އަދި ކިޔުކަންބާއާއި މެލަން ހެއްދުމަށް ޚާއްޞަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 65 ކިލޯ އުފެއްދޭނެއެވެ.
އުފައްދާ ތަކެތި މާކެޓް ކުރުމުގައި ދަތިތައް ދިމާވުމަކީ ނުވަތަ މާކެޓް ކުރުމަށް ހުރި ފުރުޞަތުތައް ނޭނގުމަކީ ދަނޑުވެރި އުފެއްދުންތައް އުފައްދާ ފަރާތްތަކުން މިހާރު ވެސް ތަޖުރިބާ ކުރަމުން އަންނަ ކަމަކަށްވުމާއެކު ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބ. މާޅޮހުގައި ހިންގި ޙަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ހައިޑްރޮޕޯނިކްސް މަސައްކަތް ކުރާ ފަރާތްތަކާއި ބ. އަތޮޅުގައި އޮޕަރޭޓްކުރަމުން ގެންދާ ބައެއް ރިސޯޓްތަކާއި މާޅޮހުގެ ގެސްޓްހައުސްތަކުން ތަރުކާރީގެ ބާވަތްތައް ގަންނަ ފަރާތްތަކާއި އެއްތަނަކުން ބައްދަލުވެ މަޝްވަރާ ކުރެވޭނެ މާޙައުލެއް ތަނަވަސް ކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރީއަށް ޤަބޫލުކުރެވޭތީ އެ ރަށުގެ ރައްޔިތުންނާއެކު އެކަމުގެ މަޝްވަރާތައް ފިޝަރީޒް މިނިސްޓްރީން ވަނީ ކޮށްފައެވެ.