ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވައިފައިވާ މައްސަލަ މަޖިލީހުގެ ދިރާސާ ކުރާ ކޮމެޓީއިން ދިރާސާ ކުރުމަށްފަހު އެ މައްސަލައިގައި ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅަމަށް ހުށަހަޅެމަށް ފޮނުވައިފިއެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވާ ގޮތުން ޖޭއެސްސީއިން މި މައްސަލަ ނިންމައިފައިވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި އެއްގޮތް ވާގޮތުގެ މަތިން ކަމަށާއި އަދި މިފަދަ މައްސަލަތައް ބެލުމަށް ޖޭއެސްސީއިން ކަނޑައަޅައިފައިވާ އިޖުރާއަތުތަކާއި އެއްގޮތަށް ކަމަށް، ކޮމެޓީއަށް ވަޑައިގެން ވޯޓު ދެއްވި 8 މެންބަރުންގެ އިއްތިފާގުން ފާސްކުރެވިފައިވާކަމަށެވެ. އަދި މި މައްސަލައާއި މެދު ގޮތެއް ނިންމުމަށް ކޮމެޓީއިން ވަނީ މަޖިލީހުގެ ތަޅަމަށް ފޮނުވައިފައެވެ.
އަންގާރަ ދުވަހު ބޭއްވެވި ޖޭއެސްސީގެ ޖަލްސާއަށް ފަހު ނެރުނު ނޫސް ބަޔާނެއްގައި ޖޭއެސްސީއިން ބުނެފައިވަނީ، ފަނޑިޔާރު ދީދީ ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމީ، އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓަށް ބަދަލެއް ގެންނަން ނުފެންނާތީ ކަމަށެވެ. ޖޭއެސްސީން ވަނީ ފަނޑިޔާރު ދީދީގެ ތަހުގީގީ ރިޕޯޓަށް ޖަވާބުދާރީ ވުމަށް ގާނޫނޫގައި ލާޒިމްކުރާ 30 ދުވަހުގެ މުއްދަތު ދީފައެވެ. ފަނޑިޔާރު ޑީޑީ އެކޮމިޝަނަށް ލިޔުމުން ޖަވާބު ދެއްވާފައިވާ އިރު، ޖޭއެސްސީން ވަނީ އެ ޖަވާބުގައިވާ ކަންކަމަށް ބެލުމަށް ފަހު ތަހުގީގު ރިޕޯޓަށް ބަދަލެއް ގެންނާނެ ތަނެއް ނެތް ކަމަށް ނިންމާފައެވެ.