ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިސް މަޤާމުތަކެއް ފުރުއްވާފައިވާ އަދި އެމަނިކުފާނާއި ގާތްކޮށް އުޅުއްވި ބޭފުޅުންތަކެއް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ.
ހޯމަ ދުވަހުގެ ރޭ މާފަންނު ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖޭޕީއަށް ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު، ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދް, އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު، އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ހިމެނިވަޑައިގަންނަވައެވެ.
މިރޭ ސޮއިކުރެއްވި މެންބަރުންގެ ފަރާތުން މި ސަރުކާރަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފުރިހަމައަށް ދެއްވުމަށް ތައްޔާރަށް ކަމަށެވެ. އަދި އެބޭފުޅުންގެ އަމާޒަކީ ޖޭޕީ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް ހެދުން ކަމަށާއި ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭ އެޕާޓީއަށް މަދުވެގެން 80،000 މެންބަރުން ވައްދައި ދިނުން ކަމަށް ވެސް ވިދާޅުވިއެވެ.