ކ. މާލެ
|
26 އޯގަސްޓް 2019 | ހޯމަ 20:10
ފަރަންސޭސީ ރައީސްއާ އެކު ޒަރީފް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ފަރަންސޭސީ ރައީސްއާ އެކު ޒަރީފް ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
އޭއެފްޕީ
ޖީ-7 ސަމިޓު
ޖީ-7 ސަމިޓުގެ ހަވާސާގައި ފްރާންސްގެ ރައީސްއާ އެކު ޒަރީފްގެ ކުއްލި ބައްދަލުވުމެއް
ޒަރީފް ފަރަންސޭސްވިލާތަށް ވަޑައިގަތީ މެކްރަންގެ ދައުވަތަކަށް
ދެބޭފުޅުން ބައްދަލުކުރެއްވީ އެމެރިކާ އާއި އިރާނުގެ ގުޅުން އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ
ޒަރީފް ވަނީ ފަރަންސޭސީ ހާރިޖީ ވަޒީރު، ޖޯން-ޔްވޭ ލެ ޑްރައަންއާ އެކު ބައްދަލުކުރައްވާފަ

ފަރަންސޭސްވިލާތުގެ ބިއަރިޓްޒްގައި މިހާރު ކުރިޔަށްދާ ޖީ-7 ސަމިޓުގެ ހަވާސާގައި، ފަރަންސޭސްވިލާތުގެ ރައީސް އެމަނުއެލް މެކްރަން އާއި އިރާނުގެ ހާރިޖީ ވަޒީރު ޖަވާދް ޒަރީފް ބައްދަލުކުރައްވައިފިއެވެ.

ޒަރީފް ފަރަންސޭސްވިލާތަށް ވަޑައިގަތީ މެކްރަންގެ ދައުވަތަކަށެވެ. އެގައުމަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް ޒަރީފް ވަޑައިގެންނެވީ ފަރަންސޭސީ ހާރިޖީ ވަޒީރު، ޖޯން-ޔްވޭ ލެ ޑްރައަންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަކަށެވެ. އެ ބައްދަލުކުރެއްވުން 3 ގަޑި އިރާ ބަޔަށް ދިގު ދެމިގެން ދިޔަކަމަށް ރޮއިޓަރޒް ނޫސް އެޖެންސީއިން ރިޕޯޓްކޮށްފައިވެއެވެ.

މި ބައްދަލުކުރެއްވުމަށް ފަހު ޒަރީފް ވަނީ ފަރަންސޭސްވިލާތުގެ ރައީސް އެމަނުއެލް މެކްރަންއާ އެކު ބައި ގަޑި އިރުގެ ބައްދަލުކުރެއްވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. އެ ދެ ބޭފުޅުން ވަނީ މިދިޔަ ހުކުރު ދުވަހު ފަރަންސޭސްވިލާތުގެ ވެރިރަށް ޕެރިހުގައި ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކަށް ފަހު ކުރެއްވި ޓްވީޓެއްގައި ޒަރީފް ވިދާޅުވީ، އިރާނުން އަންނަނީ ބިނާކުރަނިވި ގުޅުންތަކެއް ގާއިމްކުރަން މަސައްކަތްކުރަމުން ކަމަށާއި ރާސްތާ ކިތަންމެ އުނދަގޫ ކަމުގައި ވިޔަސް އެކަމަށް މަސައްކަތް ކުރުމަކީ އެދެވޭ ކަމެއް ކަމަށެވެ.

ފަރަންސޭސްވިލާތުގެ ރައީސްއާއި ހާރިޖީ ވަޒީރާ އެކު ބޭއްވެވި ބައްދަލުކުރެއްވުންތަކަށް ފަހު ޒަރީފް ވަނީ ބިއަރިޓްޒްއިން ފުރާވަޑައިގެންފައެވެ. ބައްދަލުކުރެއްވުމުގެ މައުލޫމާތު ދިން ފަރަންސޭސީ ސަރުކާރުގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ، މަޝްވަރާތަށް "ޕޮޒިޓިވް" ކަމަށެވެ.

އިރާނާއި ފަރަންސޭސްވިލާތުގެ އިސްވެރިން މި ބައްދަލުކުރައްވާފައި ވަނީ އެމެރިކާ އާއި އިރާނުގެ ގުޅުން އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ހުންނެވީ މި ސަމިޓަށް ވަޑައިގެން ފަރަންސޭސްވިލާތުގައެވެ.

- ކޮމެންޓް