ކ. މާލެ
|
26 އޯގަސްޓް 2019 | ހޯމަ 21:50
އެމަޑިއުސް ބޭންޑުގެ ހަތަރު މެމްބަރުން
އެމަޑިއުސް ބޭންޑުގެ ހަތަރު މެމްބަރުން
ފޭސްބުކް
އެމަޑިއުސް ބޭންޑް
ދިވެހި ފަންނާނަކާއެކު ރޮމޭނިއާގެ ''އެމަޑިއުސް''
ބޭންޑުގައި ހިމެނެނީ ހަތަރު މެމްބަރުން
ލަވަ ޝޫޓް ކުރަން ހަމަޖެހިފައިވަނީ ކްރޮސް ރޯޑްގައި

ރޮމޭނިއާގެ މަޝްހޫރު ސްޓްރިންގް ކޮޓެޓް ބޭންޑް ''އެމަޑިއުސް'' ރާއްޖެ އަތުވެއްޖެއެވެ.

ހަތަރު އަންހެން މެމްބަރުން ހިމެނޭ އެމަޑިއުސް ރާއްޖެ އައިސްފައިވަނީ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އެ ބޭންޑު ރާއްޖެ އައިސްފައިވަނީ ''ހެންގް އިން ދެއާ'' ކުޅެފައިވާ މަޝްހޫރު ދިވެހި މިއުޒިކް ކުޅުންތެރިއެއް ކަމަށްވާ ފައިޒާންއާ އެއްކޮށް ލަވައެއް ޝޫޓް ކުރުމަށެވެ.

ފައިޒާން އަކީ ރިސޯޓު ތަކާއި، ކައިވެނި ހަފްލާތަކުގެ އިތުުރުން ބައިނަލްއަގްވާމީ އެކި ކަހަލަ ޝޯތައް އޭނާގެ ބޭންޑު ''ސްކައިރޮކް'' ޝޯތައް ހުށައަޅާފައިވާ ފަންނާނެކެވެ.

އެމަޑިއުސް ރާއްޖޭގައި ހޭދަކުރާ ހަތަރު ދުވަސް ތެރޭގައި ދެ ލަވައެއް ޝޫޓްކުރަން ހަމަޖެހިފައިވެއެވެ. ކްރޮސް ރޯޑްސް މޯލްޑިވްސް ގައި ނަގަން ހަމަޖެހިފައިވާ ދެ ލަވައިގައި ރާއްޖޭގެ ރީތިކަން ފެނިގެންދާނެ ކަމަށް އެކަން އިންތިޒާމް ކުރި ފަރާތުން ވަނީ ބުނެފައެވެ. އޭގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުން ކަމަށާއި، އެ ލަވަތަކުގެ ޕްރޮމޯޝަން ދުނިޔޭގެ ފެންވަރުގައި ކުރަން ހަމަޖެހިފައިވާ ކަމަށްވެސް އިންތިޒާމް ކުރި ފަރާތުން ވަނީ ބުނެފައެވެ.

ފައިޒާން

ބޭންޑުގައި ހިމެނޭ ހަތަރު މެމްބަރުންނަކީ، އަންދްރިއާ ރަންސިއާނޭ، ބިއަންކާ ގެވްރިލުސްކޫ، ޕެޓްރީޝާ ސިމްޕޯއަސޫގެ އިތުރުން ލޯރާ ލަޒަރެސްކު އެވެ.

ރޮމޭނިއާގެ ބުކަރެސްޓުގެ ނެޝަނަލް ޔުނިވާސިޓީ އޮފް މިއުޒިކް އިން މިއުޒިކްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ބޭންޑުގެ މެމްބަރުން ޝޯތައް ޕާފޯމް ކުރަމުން އަންނަތާ 18 އަހަރު ވެއްޖެއެވެ. ޒުވާނުންނަށް ކްލާސިކަލް މިއުޒިކް ދަސްކޮށްދީ އެކަމަށް އަހުލުވެރި ކުރުމަކީ އެ ބޭންޑުގެ މައިގަނޑު އެއް އަމާޒެކެވެ.

އެމަޑިއުސް އިން ވަނީ މިހާތަނަށް ހަތަރު ބައްރެއްގައި ޝޯ ހުށައަޅައިދީފައެވެ. އެ ބޭންޑުގެ މިއުޒިކް ތަކަކީ، ޔޫރަޕް، އޭޝިޔާ އަދި ދެކުނު އެމެރިކާ ގައި މަގުބޫލްކަން ހޯދާފައިވާ ބޭންޑެކެވެ. އަދި ބޭންޑުގެ ޔޫޓިއުބް ޗެނަލްގައި ގިނަ ފޮލޯވަރުން ތިބެއެވެ.

- ކޮމެންޓް