ސުޕްރީމު ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅުން އައްޔަނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުމާއި ގުޅިގެން އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތީ ހާޒިރުވެތިއްބެވި 52 މެމްބަރުންގެ ތާއީދާއެކުއެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދެވެ.
މެމްބަރު ނަޝީދު ކުއްލި މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ އަންހެނުން ފަނޑިޔާރުކަމަށް އައްޔަނުކުރުމަކީ ހަރާމްކަމެއް ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އަންހެން ބޭފުޅުން އައްޔަނުކުރުމަކީ އިސްލާމީ އަސްލުތަކާއި، އިސްލާމީ ޝަރީއަތާއި، ޚިލާފު ކަމެއް ކަމަށެވެ. އަދި ފަނޑިޔާރުކަން އަންހެނަކާއި ހަވާލުކުރާ މީހާއާއީ ހަވާލުކުރި މީހާ ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ފަތުވާއެއް ނެރެފައިވާކަމަށް ވެސް ވިދާޅުވިއެވެ.
އޭގެއިތުރުން އެކަމަކީ ކަނޑައެޅިގެން ހަރާމްކަމެއްކަމަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވިދާޅުވަމުންގެންދަވާ ދަނޑިވަޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ދެ އަންހެން ބޭފުޅަކު އައްޔަނުކުރުމަށް ނަން ފޮނުވުމަކީ އިސްލާމް ދީނުގެ އަސްލުތަކާއި، އިސްލާމީ ޝަރީއަތާއި، ޚިލާފު ކަމެއްކަމަށް މެމްބަރު ނަޝީދު ވިދާޅުވި އެވެ.
މެމްބަރު މި މައްސަލަ ހުށަހެޅުއްވީ ސުޕްރީމް ކޯޓަށް އައްޔަންކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދެ އަންހެން ބޭފުޅެއްގެ ނަންފުޅު ފޮނުއްވުމާއި ގުޅިގެންނެވެ. އެއީ އަލްއުސްތާޒާ އައިޝާ ޝުޖޫން މުހައްމަދާއި ޑރ. އަޒްމިރަލްދާ ޒާހިރެވެ.
މި ދެބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާއެކު ވެވަޑައިގަންނަވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އައްޔަންކުރެވޭ ފުރަތަމަ ދެ އަންހެން ފަނޑިޔާރުންނެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ފަނޑިޔާރެއް އައްޔަން ކުރެވިގެންދިޔައީ ރައީސް މައުމޫންގެ ވެރިކަމުގައި 2007 ވަނަ އަހަރުއެވެ. އޭގެތެރޭގައި އައިޝާ ޝުޖޫންވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭގެފަހުން ރާއްޖޭގެ އެކި މަރުހަލާތަކުގެ ކޯޓުގެ ފަނޑިޔާރުކަންކުރެއްވުމުގައި އަންހެން ފަނޑިޔާރުން ހަރަކާތްތެރިވެވަޑައިގަންނަވަ އެވެ.