ބަޖެޓު ތައްޔާރުކޮށް ތަންފީޒުކުރުމުގައި ރަނގަޅު އަޚްލާގެއް އަށަގަންނުވާ، ބަޖެޓުން ހޯދަން ބޭނުންވާ ނަތީޖާ ނެރުމަށްޓަކައި، ބަޖެޓާއި މެދު ދެކޭ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، އާދީއްތަ ދުވަހުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ދިވެހި ރާއްޖޭގައި ބަޖެޓު މާނަކުރާ ގޮތުން ސަރުކާރަށް ބަޖެޓު ތަންފީޒު ކުރުމުގައި ބޮޑެތި ބާރުތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ ބަޖެޓު، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އޮންނަ އަދަދަކަށް ވުރެ އިތުރުނުކޮށް، އެވަގުތެއްގައި މުހިއްމު ވާކަންކަމަށް، އެހެން ދިމަ ދިމާލުން ބަޖެޓު ބަދަލުކޮށްގެން ކަންކަން ކުރެވެމުންދާ ކަމަށެވެ. މިފަދައިން އަމަލުކުރުމުން ސަރުކާރަށް ބަޖެޓު ތަންފީޒުކުރުމުގައި ފަސޭހަތަކެއް ލިބުނު ނަމަވެސް، މީގެ އެއް ނަތީޖާއަކީ ބަޖެޓުގެ ހަރަކާތްތައް ޕްލޭނު ކުރުން ދޯދިޔާވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބަޖެޓުގެ ކްރެޑިބިލިޓީ ދަށްވެ، ފާސްކުރާ ބަޖެޓުގައި ހިމެނޭ ހަރަކާތްތަކާއި ތަންފީޒު ކުރާ ހަރަކާތްތަކަށް ކުރާ ހަރަދުގެ ފަރަގު އިތުރުވެގެން ދާ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ފާއިތުވީ ފަސް އަހަރުގެ ތެރޭގައި ދައުލަތުގެ އާއްމު ބަޖެޓު، ފާސްކުރި ބަޖެޓަށް ވުރެ އިތުރުވެފައިވާ ކަމަށާއި އަދި ރިކަރަންޓް ހަރަދު ފާސްކުރި މިންވަރަށް ވުރެ އިތުރު ވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، ފާއިތުވީ ފަސްއަހަރުގައި ފާސްކުރި ކެޕިޓަލް ބަޖެޓު ފާސްކުރިގޮތަށް ތަންފީޒު ކުރެވިފައިނުވާ ކަމަށެވެ.
އެގޮތުން 2014 ވަނަ އަހަރުގައި 3.5 ބިލިއަން ރުފިޔާގެ މަޝްރޫއުތަކަށް ބަޖެޓުގައި ފާސްކުރެވުނު ނަމަވެސް ހަރަދުކުރެވިފައިވަނީ 1.9 ބިލިއަން ރުފިޔާ ކަމަށެވެ. އަދި 2015 ވަނައަހަރު 6.3 ބިލިއަން ރުފިޔާ ކަނޑައެޅުނު ނަމަވެސް، ހޭދަކުރެވުނީ 3.1 ބިލިއަން ރުފިޔާ ކަމަށާއި 2016 ވަނަ އަހަރު 9.1 ބިލިއަން ރުފިޔާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައެޅުނުއިރު ހަރަދުކުރެވިފައިވަނީ 7.1 ބިލިއަން ރުފިޔާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި 2017 ވަނަ އަހަރު 7.9 ބިލިއަން ރުފިޔާ ކަނޑައެޅުނުއިރު ހޭދަކުރެވުނީ 5.8 ބިލިއަން ރުފިޔާ ކަމަށާއި 2018 ގައި 7.1 ބިލިއަން ރުފިޔާ ކަނޑައެޅުނުއިރު ހޭދަކުރެވުނީ 6.8 ބިލިއަން ރުފިޔާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއިން ދޭހަކޮށްދެނީ ބަޖެޓުގެ ޕްލޭންތަކުގެ ދޯދިޔާ ކަމާއި ކްރެޑިބްލް ބަޖެޓެއް އެކުލަވާނުލެވޭ ކަމާއި ބަޖެޓު ފާސްކުރެވޭގޮތަށް ތަންފީޒު ނުކުރެވޭ ކަން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމަކީ މުޅި ދައުލަތް ހިމެނޭ ގޮތެއްގައި އެކަމަކަށް މަސައްކަތްކޮށް، ހައްލު ހޯދަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ދައުލަތުގެ އޮފީސްތަކުން ރަނގަޅު ޕްލޭނެއް އެކުލަވާލާ، ފާސްކުރާ ބަޖެޓު ތަންފީޒު ކުރުމަށް ސަމާލުވާން ޖެހޭ ކަމަށާއި ފިނޭންސް މިނިސްޓްރީއިން މި ޕްލޭނާއި އެއްގޮތަށް ހަރަކާތްތައް ހިންގަމުން ދޭތޯ މޮނީޓަރކޮށް، ބަޖެޓު ހިފަހައްޓަން ޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން އޮފީސްތަކުން ގައުމީ ތަރައްގީގެ އޮނިގަނޑާއި އެއްގޮތަށް ބަޖެޓު ތައްޔާރުކުރެވިފައިވޭ ތޯ ޔަގީންކޮށް ބަޖެޓު ތަންފީޒުކުރުމަށް އޮފީސްތަކުން ބާރުއަޅަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓުތަކަކީ ދައުލަތުން ހަރަދުތައް ކުރިއަށް ގެންދިއުމަށާއި ކުރިން އަންދާޒާ ނުކުރެވޭ ކަންތައްތަކާއި ބަދަލުވަމުންދާ ހާލަތަށް ބަޖެޓާއި ދައުލަތުގެ ޕްލޭންތައް ފެއްތުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. ފާސްކުރެވިފައިވާ ގޮތަށް ބަޖެޓުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ވިސްނުން އަށަގަންނުވަން ޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.