ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ނިންމާފައިވާ މައްސަލަތަކަކީ ކޮބައިކަން ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓު މަޖިލީހަށް ހުށައަޅައިފިއެވެ.
ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް:
- ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މައްދާގެ (ބ) އުވާލައި، އަދުލު އިންސާފު ގާއިމްކުރުމުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
- ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 8 ވަނަ ބާބުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާގެ ނިޔަލަށް އުވާލުން
- ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުން ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
- ގާނޫނީ ވަކީލުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރުން
- އިސްތިއުނާފުކުރުމުގެ މުއްދަތު ކުޑަކޮށް އެ މުއްދަތާ ގުޅޭގޮތުން ކޯޓުތަކުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާއި މައުލޫމަތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލު ކުރުން
- ދަށު ކޯޓުތަކުގެ ގާޒީން އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ގަވައިދެއް ހަދައި، ގާނޫނުގެ ދަށުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ދީފައިވާ ބާރު ނެގުން
- ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނާ ހިލާފަށް ފަނޑިޔާރަކު މަސްއޫލިއްޔަތުން އެކަހެރި ކުރުމުގެ މައްސަލަ
- އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އަދި އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅައި މަގާމުން ވަކިކުރުން
- އެޗްއާރުސީއެމްގެ ބާރު ކަނޑުވާލައި ސުޕްރީމް ކޯޓުން އިސް ނަގައިގެން އެ ކޮމިޝަނުގެ މައްޗަށް ސުމޯޓޯ ހިންގުން އަދި އެ ކޮމިޝަނުން އަމަލު ކުރަން ޖެހޭ ގައިޑްލައިން ކަނޑައެޅުން
- ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީ އަންގައި އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅާފައިވުން
- މަޖިލީހުން ނިންމާ އިތުބާރު ނެތްކަމުގެ މައްސަލަތައް ސައްހަވާނީ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުން ކަމުގައި ކަނޑައެޅުން
- ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލު ކުރުން
- އެކެއް ފެބުރުއަރީ 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރުގެ ބައިތައް ހަމަ އެ ކޯޓުން ބާތިލު ކުރުން
- ސުޕްރީމް ކޯޓުން ސާކިއުލަތަކާއި އާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓުތަކުގެ އިދާރީ ހިންގުމާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމު ގާނޫނު ހެދުން
އެ ރިޕޯޓް ހުށައެޅުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުން އެކޯޓުގެ އިހުތިސާސުން ބޭރުވެ ރާއްޖޭގެ ގާނޫނު އަސާސީ ގަޑުބަޑު ކޮށްފައިވާ ކަމަށެވެ.
އޭގެއިތުރުން މިނޫންވެސް އެތަށް ކަންތައްތައް ސުޕްރީމް ކޯޓުން ގާނޫނާއި ޚިލާފަށް ކަންތައްތައް ކޮށްފައިވާކަން އެ ރިޕޯޓު ހުށައެޅައި ބަހުސްކުރަން ފެށުމުން މެމްބަރުން ވިދާޅުވިއެވެ.