ޕްލޭނިންގ މިނިސްޓްރީ ފަރާތުން އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ހޯމަ ދުވަހު ބާއްވާ ޓެކް ފެއަރ އަށް އއ. އުކުޅަހުގައި އިމާރާތް ކޮށްފައިވާ ކޮންފަރެންސް ހޯލް "އުކުޅަސް ކޮންވެންޝަން ސެންޓަރ" ނިންމާ، ރަސްމީކޮށް އެރަށު ކައުންސިލާއި ހަވާލު ކޮށްފިއެވެ.
ސެންޓަރ ރަސްމީކޮށް ހަވާލުކުރިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ މުހައްމަދު އަސްލަމްއެވެ. އަދި އުކުޅަސް ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމްއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މި މަޝްރޫއުއަކީ މިހާތަނަށް އެންމެ ބާރު ސްޕީޑުގައި ނިމިގެންދިޔަ މަޝްރޫއު ކަމަށެވެ. 400 މީހުންގެ ޖާގައިގެ މި ކޮންވެންޝަން ސެންޓަރަކީ އުކުޅަހުގެ މުސްތަގުބަލުގައި ވަރަށް ގިނަ މުހިންމު ބޭނުންތަކެއް ކުރެވިގެންދާނެ ތަނެއް ކަމަށް ކަމަށާއި، އަދި ބާރު ސްޕީޑުގައި، އެއްވެސް ދަތިކަމެއް ނެތި އެހާ ފުރިހަމަކޮށް އެފަދަ މަޝްރޫއުތައް ނިމިގެން ދިއުމަކީ ލޯކަލް ކޮންޓްރެކްޓަރުންގެ ގާބިލްކަން އެނގިގެންދާ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.
އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ، އެހާ ބޮޑު މަޝްރޫއުއެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާނެ ކަމަށް ޤަބޫލު ނުކުރެވުން ކަމަށެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއިކުރިތާ 29 ދުވަހުގެ ތެރޭ މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުމުން ސަރުކާރުގެ ތަރައްގީގެ ދުވެލި ވަރަށް ހަލުވިކަން އެނގިގެން ދިޔަ ކަމަށް ޝައުކަތު ވިދާޅުވިއެވެ.
އުކުޅަސް ކޮންވެންޝަން ސެންޓަރުގައި މަލްޓިޕަރޕަސް ހޯލަކާއި، މީޓިންގ ރޫމާއި، ވީއައިޕީ މީޓިންގ ރޫމާއި، ދެ ކްލާސްރޫމާއި، އެޑްމިން އޮފީހާއި، ވެއިޓިންގ އޭރިއާގެ އިތުރުން 8 ފާހާނާ ހިމެނެއެވެ. އަދި ކޮންވެންޝަން ސެންޓަރުގައި ބާއްވާ ކޮންފަރެންސްތަކަށް ކޭޓަރ ކުރުމަށް ކެފެޓީރިއާ ސަރަހެއްދެއް ވެސް ވަނީ ހިމަނާފައެވެ.
އެ މަޝްރޫއު އަކީ 20.8 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއުއެކެވެ. އޭގެ ތެރެއިން 7.8 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވަނީ އިންޑިއާ ސަރުކާރުން ދިން ހިލޭ އެހީގެ ދަށުންނެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި މަހުގެ 27ގައެވެ. މި ޢިމާރާތުގެ އެންމެހާ މަސައްކަތް އޮގަސްޓްމަހުގެ 24 އަށް ނިމިފައިވުމާއެކު، އެއް އަހަރު ދުވަހުގެ މުއްދަތަށް ހިނގަމުންދާނީ ޑިފެކްޓްސް ލައިބިލިޓީގެ މުއްދަތަށެވެ.