ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހެކިބަސް ނެގުމުގެ ޝަރީއަތްތައް ކުރިއަށްދާއިރު ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނު އިތުރުފުޅު ހައްދަވާފައިވާކަން ހާމަ ވެއްޖެއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެއްކެއްގެ ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބު ވަނީ އެސްއޯއެފުގެ މީހުން ގ.ދޫވެއްސަށް ގޮސް އެމްއެމްޕީއާރުސީގެ ފައިސާތައް ހަވާލުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
ރައީސް ޔާމީން އެ މީހުންނާއި ކޮމިއުނިކޭޓް ކުރައްވާ. އެމީހުން ރައީސް ޔާމީނަށް ގުޅުއްވާ. ފާއިސާވެސް ހިފައިގެން ރައީސް ޔާމީންގެ ގެއަށް ދިޔަ. އެކަން އަޅުގަނޑުގެ ފޯނުގެ މެސެޖްތަކުންނާއި ފުލުސް އޮފީހުގައި ހުރި ހެކިތަކުންވެސް އިނގޭނެ.ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
އެވާހަކަ އެމަނިކުފާނު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.
އިސާ ލިބުނީމާ އެއީ ހަލާލު އެއްޗެއްތޯ އެކަކު ވެސް ނުބަލާނެ ކަމަށް ފައިސާ ލިބުނީމާ އޭގައި ނުހިފާނީ ކާކުތޯއޭ ވިދާޅުވާ ވާހަކަ ރައީސް ޔާމީން ވެރިކަމުގައި ހުންނެވި ދުވަސްވަރު ދެއްކެވިއެވެ. އަމިއްލަ ގެއަށް ވެއްދި ފައިސާ އޭރު ހަލާލު ވެފައި މިއަދު އެފައިސާ ހަރާމް އެއްޗަކަށްވި ވާހަކައެވެ. ފައިސާގެ ވާހަކަ ދައްކާ މީހުންނަށް ހަމައެކަނި ފެނުނީ އެގެއަށް ފައިސާ ވައްދާތީ ކަމަށް ވިދާޅުވި ވާހަކައެވެ.ނަމަވެސް ވެރިކަމުގެ ފަހު ދުވަސްތަކުގައި ވިދާޅުވީ އެމަނިކުފާނު އެގޮތަށް ވިދާޅުނުވާ ކަމަށެވެ.
ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ނެގުމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތު ވެސް ހާޒިރު ކުރިއެވެ.
ހެއްކެއްގެ ގޮތުގައި ހާޒިރުވެ ވަޑައިގެން ޔާމީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރި ބައެއް ރަށްތަކާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ފަރާތުން އޯޑަރު ލިބިލެއްވި ކަމަށެވެ. އެކަމުގެ ކިތާބީ ހެއްކެއް ނުހުންނާނެ ކަމަށާއި މުއާމަލާތްތައް ކުރީ ރައީސް ޔާމީނާއި ފޯނުން ގުޅުއްވައިގެން ކަމަށެވެ. ނަމަވެސް އެއަށް އިންކާރު ކުރައްވައި ޔާމީން ވިދާޅުވީ އެމަނިކުފާނާއި ޒިޔަތާއި ދިމާވީ އެންމެ ފަހަރަކު ކަމަށެވެ. އެއީ ޒިޔަތާ ބައްދަލުވީ އޭނާ ތަހުގީގުގައި ހަނު ހުރުމުން އެގޮތަށް އަމަލު ނުކުރުމަށް އެދިވަޑައިގެންނެވުމަށް އެކަނި ކަމަށެވެ.
ބައްދަލުވުންތަކާއި ފޯނުން މެސެޖްކޮށްގެން ވެސް އެބަހުރި އެ އިރުޝާދު ދެއްވާފަ، ރައީސް ޔާމީން އެންގެވީ ލިބޭ ޗެކްތައް އަހުމަދު އަދީބާ ހަވާލުކުރަން،އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތު
ޒިޔަތާއި އެމަނިކުފާނާއި ބައްދަލުނުވާކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ބޭއްވެވި އިވެންޓުތަކުން ރައީސް ޔާމީނާއި ޒިޔަތާއި ބައްދަލުވެ ސަލާން ގަލާން ކުރީ މީޑިއާ ކުރިމަތީގައި ހާމަކޮންނެވެ.
ޖުލައި މަހުގެ 21 ގައި ބޭއްވި ޝަރީއަތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެސްއޯއެފްގެ ފައިސާ ޖަމާވިއިރު ވެސް އެމަނިކުފާނުގެ ނަންފުޅުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓުގައި ތިން ހަތަރު މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ.
އަޅުގަނޑުގެ އެކައުންޓުގައި އޮތީކީ ހުރީ އެއް މިލިއަން ޑޮލަރެއް ނޫން. އޭރު ވެސް އަޅުގަނޑުގެ އެކައުންޓުގައި އެ އެކައުންޓުގައި ތިން ހަތަރު މިލިޔަން ޑޮލަރު އެބަހުރިކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް ޔާމީން އެގޮތަށް ވިދާޅުވި ނަމަވެސް މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ)އިން އާންމު ކޮށްފައިވާ ރިޕޯޓްގައިވާ ގޮތުގައި އެމަނިކުފާނުގެ ނަމުގައި ހުޅުވާފައިވާ އެމެރިކާ ޑޮލަރު އެކައުންޓު ހުޅުވާފައި ވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްއިން ފައިސާ ޖަމާކުރުމުގެ 6 ދުވަސް ކުރިންކަން ވަނީ ހާމަ ވެފައެވެ.
އޭސީސީއިން އާންމު ކޮށްފައިވާ ރިޕޯޓުން އެނގޭ ގޮތުގައި އެމަނިކުފާނުގެ ޑޮލަރު އެކައުންޓް ހުޅުވުމަށް ޖަމާކޮށްފައިވާ 250 ޑޮލަރު ފިޔަވައި ދެން އެކައުންޓަށް ޖަމާކޮށްފައި ވަނީ އެސްއޯއެފުން ޖަމާކޮށްފައިވާ އެއްމިލިއަން އެމެރިކާ ޑޮލަރު އެކަންޏެވެ.