އިންޑިއާ ސަރުކާރާ ކަޝްމީރުގެ ވަޒަންވެރިންނާ ދެމެދު މިހާރު ކުރިއަށްދާ ހަމަނުޖެހުން ތަކުގައި ކަރުނަ ގޭހާ ރަބަރު އުންޑައިން އަނިޔާވި 150 އަށް ވުރެ ގިނަ މީހުންނަށް ކަޝްމީރުގެ މައި ހޮސްޕިޓަލްތަކުން ފަރުވާ ދީފައިވާކަމަށް އެ ހޮސްޕިޓަލްތަކުގެ ތަފާސްހިސާބްތައް ދައްކައިފިއެވެ.
ސްރީނަގަރް ގައި ހުންނަ ޝެރީ ކަޝްމީރު އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސާ ޝްރީ މަހަރާޖް ހަރި ސިންގް އިން އޯގަސްޓް 5 ކާ 21 ހާ ދެމެދު ކަރުނަ ބޭހާ ރަބަރު އުންޑައިން އަނިޔާވި 152 މީހުންނަށް ފަރުވާދީފައި ވާކަމަށް އެ ހޮސްޕިޓަލްތަކުގެ ރިޕޯޓްތައް ދައްކައެެވެ.
ކަޝްމީރުގެ ރައްޔިތުންނާ ސަލާމަތީ ބާރުތަކާ ދެމެދު ކުރިއަށްދާ ކުރިމަތިލުން ތަކުގައި އަނިޔާވި މީހުންގެ އަދަދު އިންޑިއާ ސަރުކާރުން އަދި ހާމަކޮށްފައި ނުވީ ނަމަވެސް، ސަރުކާރުން ވަނީ މި ކުރިމަތިލުން ތަކުގައި އެއްވެސް މީހަކު މަރުވެފައި ނުވާކަމަށް ބުނެފައެވެ.
ޖައްމޫ ކަޝްމީރުގައި އުޅޭ ސަރުކާރުގެ އޮފިޝަލަކުވަނީ ކުރިމަތިލުން ތަކުގައި އަނިޔާވި މީހުންގެ އަދަދު 152 ކަށް ވުރެ ގިނަ ވާނެކަމަށް ބުނެފައެވެ. މި ލިސްޓުގައި، ހިނދުކޮޅެއްގެ ތެރޭގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފާވާ ގިނަ އަދެއްދެއްގެ މީހުން ނުހިމެނޭނެކަމަށާއި ކުދި އަދި އާދައިގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދި މީހުންވެސް ނުހިމެނޭނެކަމަށް އޭނާ ވަނީ ބުނެފައެވެ.
ކަޝްމީރުގައި އިންޓަރނެޓް އާއި މުއާސަލާތީ ވަސީލަތްތައް ކަނޑާލާ އެ ސަރަހައްދުގައި އެއްވުން މަނާކޮށް އިންޑިއާ ސަރުކާރުން އިންޑިއާގެ ޕެރަމިލިޓަރީ ސިފައިން އެ ސަރަހައްދުގައި ގާއިމް ވެގެން ތިބި ނަމަވެސް، އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ޒުވާނުން ވަނީ ހުކުރު ނަމާދާ އީދު ނަމާދަށް ފަހުގައި އަދި އީދު ދުވަހުވެސް ސަލަމާތީ ބާރުތަކާ ކުރިމަތިލާފައެވެ.