ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕުތަކައި ތިބި މިޔަންމާގެ ރޮހިންޔާ މުސްލިމުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ބަންގްލަދޭޝްއިން ފަށައިފިއެވެ. މީގެ އެއް އަހަރު ކުރިންވެސް އެމީހުން މިޔަންމާ އަށް ފޮނުވާލުމަށް ބަންގްލަދޭޝްގެ ސަރުކާރުން މަސައްކަތް ކުރިއެވެ. އެކަމަކު އެފަހަރު އެކަމާއި ދެކޮޅު ހަދާ މުޒާހަރާކޮށް 300 ވަރަކަށް އަދަދެއްގެ ރޮހިންޔާ ރެފީއުޖީން އަނބުރާ މިއަންމާ އަށް ދާން ދެކޮޅު ހެދިއެވެ.
މިއަންމާގެ ރަކީން ސްޓޭޓްގައި 2017 ވަނަ އަހަރު އެގައުމުގެ ސިފައިން ހިންގި އޮޕަރޭޝަނަށް ފަހު 730،000 މީހުން ބަންގްލަދޭޝްގެ ކޭމްޕްތަކުގައި ދިރިއުޅެމުންދާއިރު، އެމީހުން ފޮނުވާލުމުގެ މަސައްކަތް ބަންގްލަދޭޝް އިން ފަށާފައިވަނީ ބުރާސްފަތި ދުވަހުއެވެ.
ބަންގްލަދޭޝްގެ އެ ނިންމުމާއި އެކު އދ.ގެ އޮފިޝަލުންގެ އިތުރުން ބަންގްލަދޭޝްގެ އޮފިޝަލުން ދަނީ ބަންގްލަދޭސް އިން މިޔަންމަރ އަށް ދާން ބޭނުންވާ 22،000 މީހުންނާއި އިންޓަވިއު ކުރަމުންނެވެ. އޭގެ ތެރެއިން 295 އާއިލާއެއްގެ މީހުން ދާން ބޭނުންވާ ކަމަށާއި، ބޯޑަރު ހުރަސްކޮށް އުޅަނދު ފަހަރުތަކުގައި އެމީހުން ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަންގްލަދޭޝް އޮފިޝަލެއް ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު އދ. އިން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެއްވެސް ބަޔަކު މިއަންމާ އަށް ދާން ބޭނުންނުވާ ކަމަށެވެ. އެހެން ނަމަވެސް އިންޓަވިއު ކުރަން ބޭނުންވާ ފަރާތްތަކަށް އެ ޖަމިއްޔާގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އދ. އިން ބުންޏެވެ. ބޯޑަރުން ރޮހިންޔާ މުސްލިމުންނަށް މަރުހަބާ ކިޔަން މިއަންމާއިން ދަނީ ތައްޔަރުވަމުންނެވެ.