ކ. މާލެ
|
23 އޯގަސްޓް 2019 | ހުކުރު 03:12
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އަޒުމޫން އަހުމަދު
ޕެންޝަން
މަސްވެރިންނަށް ޚާއްސަ ޕެންޝަން ސްކީމެއް ގާާއިމު ކުރެވިދާނެ: ޕެންޝަން އޮފީސް
ބައިވެރިވާންޖެހެނީ އަމިއްލަ އަށް ބޭނުންވެގެން ކަމަށްވުމުން އަމިއްލަގޮތުން ބައިވެރިވާ ފަރާތްތައް ވަރަށް މަދު ކަމަށް ވިދާޅުވި
މިންގަނޑުތައް ކަނޑައެޅިއްޖެނަމަ ޓެކްނިކަލް ލެވެލްގައި ދެވެންހުރި އެހީއެއް ދޭން ތައްޔާރަށް ތިބިކަމަށް ވެސް ވިދާޅުވި

ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތަށް މަސްވެރިންނަށް ޕެންޝަން ސްކީމެއް ތަޢާރަފް ކުރެވިދާނެ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ މުޙައްމަދު ޙުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމުގެ ބިލް ދިރާސާކުރަމުން އަންނަ އިގްތިސާދީ ކޮމެޓީގެ މެެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މަނިކު ވިދާޅުވީ ޕެންޝަން ސްކީމްގައި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ބައިވެރިވެވުނު ނަމަވެސް ބައިވެރިވާންޖެހެނީ އަމިއްލަ އަށް ބޭނުންވެގެން ކަމަށްވުމުން އަމިއްލަ ގޮތުން ބައިވެރިވާ ފަރާތްތައް ވަރަށް މަދު ކަމަށެވެ. އަދި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ޕެންޝަން ސްކީމްގައި ބައިވެރިވުން ލާޒިމްކުރެވިފައިނެތުމަކީ މިކަމަށް އެޅޭ އެންމެ ބޮޑު އެއް ހުރަސްކަމަށް މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ ސަރުކާރުން މަސްވެރިންނަށް ތަފާތު ވިސްނުމެއް ގެންގުޅޭކަމަށްވާނަމަ ކަނޑައެޅޭ ވަކި ސިޔާސަތުތަކެއްގެ ދަށުން ޕެންޝަން ފައިސާ ލިބޭނެ ގޮތް ހެދިދާނެކަމަށެވެ. އަދި ދައުލަތުގެ ފަރާތުން މިންގަނޑުތަކެއް ކަނޑައެޅިއްޖެނަމަ ޓެކްނިކަލް ލެވެލްގައި ދެވެންހުރި އެހީއެއްދޭން ތައްޔާރަށް ތިބިކަމަށް ވެސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ބިލް މަޖިލީހަށް ބަލައިގަނެ, ދިރާސާކުރުމަށް އިޤްތިސާދީ ކޮމެޓީއަށް ފޮނުވާފައިވަނީ އަންގާރަ ދުވަހުއެވެ. ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ.

މަސްވެރިކަމުގެ ބިލަށް ކުރެވުނު އިބްތިދާއީ ބަހުސްގައި ގިނަ މެންބަރުން ވަނީ މަސްވެރިންނަށް ޕެންޝަން ސްކީމެއް ތަޢާރަފްކުރުމަށް ތާޢީދުކުރައްވާ، ކޮމެޓީ މަރުހަލާގައި އެފަދަ އިސްލާހެއް ހިމެނުމަށް ގޮވާލާފަ އެވެ.

މި ބިލަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު މުސްތަގްބަލްގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި އެތަކެއްޗާއި އެތަކެތީގެ މާހައުލު ބެލެހެއްޓުމާބެހޭ އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅުނު ބިލެކެއެވެ. އެގޮތުން ބިލްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަން ކަނޑައަޅާފައިވެއެވެ. އަދި މަސްވެރިކަން މޮނިޓަރކޮށް ކޮންޓްރޯލް ކުރުމަށްޓަކައި، މޮނިޓަރިންގ، ކޮންޓްރޯލް އަދި ސަރވޭލެންސް އާއި ބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާރޑް އާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އާއި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އާއި ގުޅިގެން މިނިސްޓްރީން ހަދައި ތަންފީޒް ކުރަންވާނެ ކަމަށް ވެސް ވެއެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދަދީ، ލުއިފަސޭހަ ގޮތްތައް ހޯދަދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.

- ކޮމެންޓް