ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލައިގެ އަޑު އެހުމުގައި އެ މައްސަަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގިނަ ސުވާލުތަކެއް ކުރިމަތި ކޮށްފިއެވެ.
ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި މިހާރު ގައުމުން ބޭރުގައި ހުންނެވި ދީދީގެ ވަކީލް މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ، ދީދީއާ ގުޅޭ ގޮތުން ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅައިގެން، ފަނޑިޔާރުކަމުގެ މަގާމުން ދީދީ ސަސްޕެންޑް ކޮށްފައިވަނީ އަމިއްލަ މަގްސަދެއް ހާސިލުކުރުމުގެ ގޮތުންކަމަށެވެ. އެގޮތުން ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާން ހުކުމް ކުރިއިރު ފަނޑިޔާރުންގެ ބެންޗުގައި ދީދީ ހިމެނިވަޑައިގެންފައިވާތީ ޒާތީ ގޮތުން ނަޝީދު ހުށައެޅި މައްސަލަ އެއް ކަމަށް ދީދީގެ ވަކީލް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ދީދީއާ ބެހޭ ގޮތުން މީގެ ކުރިން ނަޝީދުގެ އެއްވެސް ވަކީލަކު މައްސަލައެއް ހުށައަޅާފައިނުވާ ކަމަށެވެ. އަދި ދީދީގެ މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުން މީގެ ކުރިން ބަލަން ނިންމާފައިވާ މައްސަލަ އަކަށް ނުވާ ހިނދު އެ މައްސަލަ ނަޝީދު އަށް ހުށައެޅޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެ މައްސަލަ ބަލާ ކޮމިޓީ އެއްގައި ވެސް އެމަނިކުފާނަށް ނުހުންނެވޭ ކަމަށް ދީދީގެ ވަކީލް ވިދާޅުވިއެވެ.
ދީދީ ސަސްޕެންޑް ކުރިއިރު ޖަވާބުދާރިވާން ފުުރުސަތު ދީފައިނުވާއިރު، ޖަވާބުދާރިވުމަށް އަންގާފައިނެތް ކަމަށް ސަލީމް ކޯޓުގައި ވިދާޅުވިއެވެ. ދީދީ ސަސްޕެންޑު ކުރުމަށް ކޮމިޝަނުން ނިންމި ކޮމިޓީގައި ހިމެނި ވަޑައިގަންނަވާ ޖޭއެސްސީގެ މެމްބަރުންގެ މަސްލަހަތު ފުށުއަރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޯޓުގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ޑިރެކްޓަރ ހަސަން ޒަހީން ވަނީ ޖޭއެސްސީގެ ފަރާތުން އެކަމަށް އިންކާރު ކުރައްވާފައެވެ. ގާނޫނު އަސާސީގެ 159 މާއްދާގެ (ށ) އަށް ރިއާޔާތް ކޮށް ޒަހީން ވިދާޅުވީ، ފަނޑިޔާރަކާއި ބެހޭ މައްސަލަތައް ބެލުމުގެ ބާރު ޖޭއެސްސީ އަށް ލިބިގެންވާ ކަމަށެވެ. އަދި އެ ކޮމިޝަނުން ދީދީއާ ބެހޭ ގޮތުން ބަލަމުން ދިޔަ މައްސަލަ އަކީ ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އެއް ނޫން ކަމަށެވެ. ދީދީ ސަސްޕެންޑް ކުރީ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ބައެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތު ކުރެވި ފުލުހުން އެ މައްސަލަ ބަލަމުންދާކަން ޖޭއެސްސީ އަށް އެންގުމުން ކަމަށް ޒަހީން ވިދާޅުވި އެވެ.
ދީދީގެ ވަކީލުން ވިދާޅުވެފައިވާގޮތުން ޖޫން މަހުގެ 10 ވަނަ ދުވަހު ދީދީގެ މައްސަލައެއް ބަލަމުން ނުދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދީދީގެ މައްސަލަ އެއް ބަލަމުން ނުދާ ކަމަށް ފުލުހުން ބުނެފައިވާއިރު އޭގެ ދެ ދުވަސް ފަހުން ޖޫން މަހުގެ 12 ވަނަ ދުވަހު 48 ގަޑިއިރު ތެރޭގައި މައްސަލަ އެއް ބަލަމުންދާ ކަމަށް ފުލުހުން ހުށައެޅިކަމަށް ވިދާޅުވެ، އުއްތަމަ ފަނޑިޔާރު ސުވާލު އުފެއްދެވިއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޒަހީން ވިދާޅުވި، އެމްއެމްޕީއާރްސީއާ ގުޅޭ ދީދީގެ މައްސަލަ ބަލަމުން ދަނިކޮށް ރައީސް ނަޝީދު ދީދީގެ ސުލޫކީ މައްސަލައެއް ޖޫން މަހުގެ 12 ވަނަ ދުވަހު ހުށައެޅި އެ މައްސަލަވެސް ބަލަން ފެށިކަމަށެވެ. އެހެން ނަމަވެސް ކުރިން ފުލުހުން ދީީދީއަށް ޖަވާބެއް ދީފައިވާއިރު އަނެއްކާ ފުލުހުންގެ ޖަވާބު ބަދަލު ކުރަން ޖެހުނީ ކީއްވެގެންތޯ ޑރ. ދީދީ ސުވާލުކުރެެއްވުމުން ޒަހީން ވިދާޅުވީ، އޭނާ އަށް ހަމައެކަނި އެނގިވަޑައިގަންނަވަނީ ފުލުހުން މައްސަލަ އެއް ހުށައެޅުމުން ކަމަށެވެ.
އެ މައްސަލާގެ އަޑު އެހުމެއް އިތުރު ދުވަހަކު ބޭއްވުމަށް ތާވަލުކޮށް ޝަރިޔަތް ނިންމާލިއެވެ. އެ މައްސަލަ ބެއްލެވި އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ، ފަނޑިޔާރު އަބްދުލްއަނީގެ އިތުރުން އާދަމް މުހައްމަދު އަބްދުﷲ އެވެ.