އެހެން އިބާރަތްތަކުން ވިދާޅުވި ނަމަވެސް އަބަދުވެސް ވިދާޅުވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގެ ވާހަކަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ފެށި އެމްޑީޕީގެ ކައުންސިލަރުންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ ގާތުން ވެރިކަން ހިންގިގެން ނޫނީ ބޭނުންވާ ބަދަލެއް ނުފެންނާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވުމުން، ރައީސް ނަޝީދު ވިދާޅުވީ ކޮންމެ އިބާރާތަކުން ވާހަކަފުޅުދެއްކެވި ނަމަވެސް އެމަނިކުފާނު އަބަދުވެސް ދައްކަވަނީ ރައީސް ސޯލިހުގެ ސިޔާސަތުތައް ތަންފީޒުކުރެއްވުމުގެ ވާހަކަ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ދެންމެ ފާހަގަކޮށްދެއްވައިފި ސަރުކާރުގެ ސިޔާސަތު، އަޅުގަނޑުވެސް އަދި އެހެން އިބާރަތްތަކަކުންވެސް ހަމަ މި ދަންނަވަނީ އެ ސިޔާސަތުގެ ވާހަކަ. ރަށްރަށުގެ ބިމުން ލިބޭ ކުލި ރަށްރަށަށޭ، މައިގަނޑު ވާހަކައަކީ އޭގެ އަސާސަކީ ރަށްރަށުގެ މިލްކިއްޔާތަކީ ރަށު ރައްޔިތުންގެ އެއްޗެކޭ. އަދި ހަމައެއާއެކު އިތުރަށް ވިދާޅުވެއްޖެ ބަޖެޓުގެ 5 % ރަށްރަށަށް. ކައުންސިލުތަކަށް ފުރޮޅިގެންދާނެ ކަމަށް، ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ 5 ޕަސެންޓް ރުފިޔާއަކީ ފަސް ޕަސެންޓް މަސައްކަތް.ރައީސް މުހައްމަދު ނަޝީދު
އޭގެއިތުރުން، ރާއްޖޭގެ ރަށްތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ވާހަކައަށް އަލިއަޅުވާލައްވައި އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކައުންސިލަރުންނަށް ރަށްރަށް ނުހިންގޭނެ ކަމަށާއި އެފަދަ ޤާބިލިއްޔަތު ކަމެއް ނެތް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަވާ ވާހަކައަކީ އެކަން ނުކުރުމަށް ދައްކާ ބަހަނާއެއް ކަމަށާއި، ކައުންސިލަރުންގެ މަސައްކަތް އެމްޑީޕީން ބަލައިގަންނަ ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސް ސޯލިހުވެސް ވާހަކަފުޅު ދައްކަވާފައިވާއިރު، ރައީސް ވަނީ ލާމަރުކަޒީ ނިޒާމަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ ފައްކާވަމުން އަންނަ ނިޒާމެއް ކަމަށާއި، ކުރީ ސަރުކާރުން އެމްޑީޕީން ގެނައި ލާމަރުކަޒީ ނިޒާމު މަރުކަޒީ ނިޒާމަކަށް ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު އެންމެ އިސްކަމެއް ދޭން ޖެހޭނީ މާލީގޮތުން ކައުންސިލްތައް ބާރުވެރި ކުރުވަން ކަމަށާއި، ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅި އެ ރަށެއްގެ މުއްސަނދިކަން އެ ރަށަށް ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.