މިހާރު އޮތް ރައްޔިތުންގެ މަޖިލިސް ވަނީ ރައްޔިތުންގެ މަތިން ހަނދާން ނެތިފައި ކަމަށާއި މިހާރު މިވަނީ އެކަން ރަނގަޅު ކުރުމުގެ ފުރުސަތު މެމްބަރުންނަށް ލިބިވަޑައިގެންފައި ކަމަށް، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނުން ބުދަ ދުވަހުގެ ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ފާރިސް ވިދާޅުވީ އިތުބާރު ނެތްކަމުގެ މި މައްސަލަ ވެގެންދާނީ މަޖިލީހުގެ މެމްބަރުންނަށް ފޯރާފައިވާ ނުފޫޒުން ވެސް މިންޖުވުމަށް ލިބޭނެ ފުރުސަތަކަށެވެ.
"ރައްޔިތުންގެ މަތިން ހަނދާން ނެތުނު މަޖިލީހަކަށް ނުހަދައި، ރައްޔިތުންނަށް އޯގާތެރި މަޖިލީހަކަށް ހަދައި، ތާރިހުގައި ލިޔުމުގެ ފުރުސަތު މި ދެނީ. ކުރިއަތް އޮތް ދެ އަހަރަކީ އަޅުގަނޑުމެންގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާ މަޖިލީހަށް ވެގެން ދިއުމުގެ ފުރުސަތު އެބަ އޮތް،" ފާރިސް ވިދާޅުވި އެވެ.
ރައްޔިތުންގެ އަސާސީ ހައްގުތަކާއި ދުޅަހެޔޮ ކަމާއި އިސްލާހުކުރަންޖެހޭ އެހެން ކަންކަން ރައްޔިތުންގެ މަޖިލީހުން އޮތީ ނުކުރެވި ކަމަށް ގަބޫލުކުރައްވާ ކަމަށް ފާރިސް ވިދާޅުވި އެވެ. މަޖިލީހުގެ ގަވާއިދުތަކާއި އުސޫލްތައް ހުރީ ޑިމޮކްރަސީގެ އުސޫލްތަކާއި ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަން ޕާޓީގެ މެމްބަރުންނާ ކުރިން ވެސް ހިއްސާ ކުރެވިފައިވާނެ ކަމަށާއި ނަމަވެސް މިކަމަށް އިސްލާހެއް ގެނެވިފައި ނުވާ ކަމަށް ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުމަށް މަޖިލީހުގެ މެންބަރުންނާއި މަޖިލިހުން ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ނުގެންދެވި ވަކި ހިސާބަކުން ހުރަސްއެޅި މަސައްކަތް ވެސް ނުކުރެވޭ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި ވާހަކަ ދެއްކެވުމަށް މެންބަރުންނަށް ދެއްވާ ފުރުސަތުތައް ސިޔާސީ ފިކުރުގެ ދަށުން ކޮންޓްރޯލް ކުރަމުންދާ ކަމަށް ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ މަޖިލީހުން ފާސްކުރާ ގާނޫނުތަކަކީ އެއަށް އަމަލުކުރުން ހުރިހާ ރައްޔިތުންނަށް ލާޒިމްކުރާ އެއްޗަކަށްވާއިރު، ފެނިގެން ދަނީ ގާނޫނުތައް ހެދުމުގައި އެކަށީގެންވާ ވަގުތު ނުދެއްވުމާއި، ބަހުސްކޮށް މަޝްވަރާކުރުމަށް ފުރުސަތު ނުދެއްވުމާއި، އަވަސް އަރުވާލައިގެން ކޮމެޓީގެ މަސައްކަތްތަކާއި ތަޅުމުގެ މަސައްކަތްތައް ވެސް ނިންމަމުންދާތަން ކަމަށެވެ.