އެސްއޯއެފްގެ މީހުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެޔަށް ފާއިސާ ހިފައިގެން ދިޔަކަމަށް ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އަބްދުލްޤަފޫރު ވިދާޅުވެއްޖެއެވެ.
އަދީބް މިހެން ވިދާޅުވެފައިވަނީ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި، އެ މަނިކުފާނާއި ދެކޮޅަށް ހެކި ބަސް ދެއްވަމުންނެވެ.
ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވަނީ އަދީބް އާއި ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އެގޮތުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ބައިވެރިވި މީހުންނަކީ ރައީސް ޔާމީންގެ އެކުވެރިން ކަމަށް އަދީބް ވިދާޅުވެފައިވަނީ ކީއްވެގެންތޯ ރައީސް ޔާމީން ސުވާލުކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން އަދީބް ވިދާޅުވެފައިވަނީ އެސްއޯއެފް މީހުންނަކީ ރައީސް ޔާމީންގެ އެކުވެރިން ކަމަށާއި، އެ މީހުންނާއި ފޯނުން ގުޅުއްވާ ވާހަކަދައްކަވާ އަދި ބައްދަލުވެސްކުރައްވާ ކަމަށެވެ. އަދީބް ވިދާޅުވީ އެސްއޯފް މީހުން ރައީސް ޔާމީންގެ ގެއަށް ފާއިސާ ހިފައިގެން ދިޔަ ކަމަށާއި، އެކަން އެ މަނިކުފާނަށް އެގިވަޑައިގަންނަވާނެ ކަމަށެވެ. އަދީބް ވިދާޅުވީ އެކަން އޭނާގެ ފޯނުގެ މެސެޖްތަކުންނާއި ފުލުސް އޮފީހުގައި ހުރި ހެކިތަކުންވެސް އެނގޭނެ ކަމަށެވެ.
"ރައީސް ޔާމީން އެ މީހުންނާއި ކޮމިއުނިކޭޓް ކުރައްވާ. އެމީހުން ރައީސް ޔާމީނަށް ގުޅުއްވާ. ފާއިސާވެސް ހިފައިގެން ރައީސް ޔާމީންގެ ގެއަށް ދިޔަ. އެކަން އަޅުގަނޑުގެ ފޯނުގެ މެސެޖްތަކުންނާއި ފުލުސް އޮފީހުގައި ހުރި ހެކިތަކުންވެސް އިނގޭނެ."އަހްމަދު އަދީބް / ކުރީގެ ނައިބް ރައީސް
ރައީސް ޔާމީންގެ މަނީ ލޯންޑަރިން ދައުވާގައި ދައުލަތުން ހެއްކެއްގެ ގޮތުގައި އަހްމަދު އަދީބް ހުށަހަޅާފައިވަނީ، އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ފާއިސާއަކީ ކެމްޕޭން ފާއިސާ ނޫންކަން ސާބިތުކޮށް ދިނުމަށެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ފާއިސާ އަކީ، ކެމްޕޭން ފާއިސާ ކަމަށާއި، އެ ފާއިސާ ޖަމާކުރެއްވީ އަހްމަދު އަދީބް ކަމަށެވެ.