ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޮންމެ ކަމެއްވެސް ކުރައްވާފައި ހުންނާނީ އެމަނިކުފާނަށް އެނގިލައްވައިގެން ކަމަށާއި ގާނޫނާއި ޚިލާފަށްވެސް ކަންތައްތައް ކޮށްފައި ހުންނާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމަށް އަދީބު ހާޒިރުވެ ވަނީ ރައީސް ޔާމީންއާ ދެކޮޅަށް ހެކިބަސް ދެއްވައިފަ އެވެ.
ހެކިބަސް ދެއްވި ޝަރީއަތުގައި އަދީބު ވިދާޅުވީ އެސްއޯއެފަށް އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކުރީ ރައީސް ޔާމީން އަމިއްލަފުޅަށް އަންގަވައިގެން ކަމަށެވެ. އަދީބު އެހެން ވިދާޅުވުމުން ރައީސް ޔާމީން ވަނީ އެ ވިދާޅުވަނީ ގާނޫނާއި ޚިލާފު ކަންތައްތައް ކުރި ކަމަށް އިއުތިރާފުވަނީތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި އަދީބު ވިދާޅުވީ ގާނޫނާއި ޚިލާފަށް ކަންތައްތައް ކޮށްފައިވާނެކަމަށާއި އެކަން ކޮށްފައިވާނީ ރައީސް ޔާމީންގެ "އޯޑަރަށް" ކަމަށެވެ. އަދި ރައީސް ޔާމީން ވެސް ގާނޫނާއި ޚިލާފުވެފައިވާ ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑަށް ރައީސް ޔާމީނެއް ނޫންތޯ އޯޑަރު ދެއްވަނީ އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފަށް ޖަމާކުރުމުގައި އަދި ހަމަ އެހެންމެ އޭތި ބޭންކުން ކްލިއަރ ކުރުމާއި އަދި އެހެން ފައިސާތައް ކްލިއަރ ކުރުމާއި ރައީސް ޔާމީން ދެއްތޯ އެކަން ކޮށްދެއްވަނީ ވެސް. އެހެންވީމަ ތި ސުވާލުތައް ކުރާވަރަކުން އަޅުގަނޑު ޖަވާބު ދެމުން މިދަނީ.ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
އެހެންވީމަ ތި ވިދާޅުވަނީ ރައީސް ޔާމީން އަންގައިގެން މިކަހަލަ ކަންތައްތައް ކުރައްވާފައި ހުރިތޯ ތި ވިދާޅުވަނީ އިއުތިރާފު ވަނީ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
އާދެ.ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
އެހެން ދެއްތޯ ތި އިއުތިރާފު ވަނީ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
އާދެ.ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ގާނޫނާއި ޚިލާފު ކަންތައްތަކުގައި އިއުތިރާފު ވަނީއޭތޯ ތި ވިދާޅުވަނީ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
އަޅުގަނޑު އެކަންޏެއް ނޫން، ރައީސް ޔާމީން ވެސް އާދެ.ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ނޫން ނޫން. އަޅުގަނޑުގެ މި ސުވާލަށް ޖަވާބު ދެއްވާ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
އާދެކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
އެހެންވީމަ ތި ވިދާޅުވަނީ ގާނޫނާއި ޚިލާފަށް މި ކަހަލަ ކަންތައް ކުރައްވަމޭ ތި ވިދާޅުވަނީ ދެއްތޯ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
އާދެ.ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު
ނަމަވެސް ރައީސް ޔާމީން އަދީބާއި ސުވާލު ކުރައްވަން ފުރަތަމަ ފައްޓަވައި ގާނޫނާއި ޚިލާފުވިތޯ އެއްސެވުމުން ވިދާޅުވީ އޭނާއަކީ ގާނޫނީ މާހިރެއް ނޫންކަމަށާއި, ކަންތައްތައް ކޮށްފައިވާނީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަށެވެ. އެސްއޯއެފުން އިސްލާމިކް ބޭންކުގައި ރައީސް ޔާމީން ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކޮށްފައިވަނީ ރައީސް ޔާމީންގެ އޯޑަރަށް ކަމަށާއި އެއީ އެމަނިކުފާނަށް އެނގިލައްވައިގެން ކުރެއްވި ކަމެއްކަމަށް އަދީބު ވިދާޅުވިއެވެ. އަދި އެއީ ކެންޕެއިނަށް ޖަމާކުރި ފައިސާ ނޫންކަމަށާއި 2015 ގައި އިންތިހާބެއް ނެތް ކަމަށް ތަކުރާރުކޮށް އަދީބު ވިދާޅުވިއެވެ. އަދީބް ވިދާޅުވީ މިލިއަނުން މިލިއަނުން ކެންޕެއިނަށް ފައިސާ ލިބިފައި ނުވާ ކަމަށެވެ.
އަދީބު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދެއްވިއިރު މިއީ ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ތުހުމަތަށް އަދީބު ހައްޔަރުކުރި ފަހުން އެދެބޭފުޅުން އެއްތަނަކުން ބައްދަލުވި ފުރަތަމަ ފަހަރެވެ.
ބުރާސްފަތި ދުވަހު އަދީބު ހާޒިރުކުރިއިރު އޭނާ ވަނީ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން އަމުރެއް ނެރުމާއި ގުޅިގެން ބަންދުގައި ބަހައްޓާފައެވެ. ޖަލުގައި ހުއްޓާ ވެއްޓި އަނިޔާވުމާ ގުޅިގެން އައިޖީއެމްއެޗުން ވަނީ އޭނާއަށް ފަރުވާ ދީފައެވެ. ފަރުވާ ދިނުމަށްފަހު އޭނާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.