ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބުކުރާނެކަމަށް އެ ޕާޓީގެ ޗެއަރޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ކުރިއަށްގެންދާ ދެ ދުވަހުގެ ކައުންސިލަރުންގެ މަޝްވަރާ ބައްދަލުކުރެއްވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ކައުންސިލަރުންގެ ބައްދަލުވުމުގައި ކުރެވޭ މަޝްވަރާތަކުން ލިބޭ މައުލޫމާތުގެ އަލީގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބަށް އެމްޑީޕީން ތައްޔާރުވާން ފަށާނެ ކަމަށެވެ.
ލޯކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ކުރީ ކޮޅުއެވެ.
ހަސަން ލަތީފް ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފަންނާއި ހުނަރު އެއީ އެމްޑީޕީގެ ސިފައެއް ކަމަށެވެ. އަދި އިންތިޚާބުތައް ކާމިޔާބުކުރުމުގެ މަސައްކަތް ކުރުމުގެ ފަންނު އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީވެސް އެމްޑީޕީކަަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
ފާއިތުވި އަހަރުތަކުގައި އިންތިޚާބުތަކުން އެމްޑީޕީއަށް ލިބުނު ނާކާމިޔާބީތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، 2015 ވަނަ އަހަރާއި ހަމައަށްއައިރު، އެ ޕާޓީއަށް ގިނަ އިންތިޚާބުތަކުން ނާކާމިޔާބީ އާއި ކުރިމަތިލާންޖެހުނު ކަމަށެވެ. ނަމަވެސް ކުރެވުނު މަސައްކަތުން އެކަމުންވެސް އެ ޕާޓީއަށް އަރައިގަނެވުނު ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.
"2015 ވަނަ އަހަރާއި ހަމައަށް އައިއިރު އެންމެ އެދެވޭގޮތަށް ނޫން އިންތިޚާބު ކާމިޔާބު ކުރެވިފައި އޮތީ. އޭގެފަހުން 22 އިންތިޚާބު ވިދިވިދިގެން ގެއްލުނު ފަހުން 2015 އިގެފަހުން ބޭއްވުނު އެއްވެސް އިންތިޚާބެއް އެމްޑީޕީއަށް ގެއްލިފައެއް ނުވޭ."ހަސަން ލަތީފް / އެމްޑީޕީގެ ޗެއަރޕާސަން
ކައުންސިލަރުންގެ މަޝްވަރާ ބައްދަލުކުރެއްވުމަކީ އެމްޑީޕީއަށް ވަރަށް މުހިއްމު ބައްދަލުވުމެއްކަން ފާހަގަކުރައްވާ ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ދާއިރާތައް ހިންގުން އެއީ މި ދައުލަތަށާއި، މި ސަރުކާރަށް އޮތް އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއް ސިޔާސަތު ކަމަށެވެ.
ދައުލަތެއް ހިންގުމަށް އެކަށައަޅަންޖެހޭ ސިޔާސަތުތަކެއް ހުންނަންޖެހޭ ކަމަށާއި، އެ ސިޔާސަތުތައް ކަނޑައެޅުމަށް ކައުންސިލަރުންގެ މަޝްވަރާ ބައްދަލުކުރުމަކީ ވަރަށް މުހިއްމު ބައްދަލުވުމެއް ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ކައުންސިލަރުންނާއި، ކައުންސިލްތަކުގެ ބަސް އެފަދަ ސިޔާސަތުތައް ކަނޑައެޅުމަށް ވަރަށް މުހިއްމު ކަމަށާއި، މި މަޝްވަރާ ބައްދަލުވުމަކީ އެ ސިޔާސަތުތައް ކަނޑައެޅުމަށް މުހިއްމު ބައްދަލުވުމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.