Advertisement
ކ. މާލެ
|
22 އޯގަސްޓް 2019 | ބުރާސްފަތި 12:09
ރައީސް ސޯލިހު އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ގައި
ރައީސް ސޯލިހު އެމްޑީޕީ ކައުންސިލަރުންގެ ކޮންފަރެންސް ގައި
ރައީސް އޮފީސް
އެމްޑީޕީ ކައުންސިލް ކޮންފަރެންސް
ޖަޒީރާ ރާއްޖޭގެ ހަގީގީ ތަރައްގީއަށް ވާސިލްވެވޭނީ ލާމަރުކަޒީ ރާއްޖެއެއް ބިނާކޮށްގެން: ރައީސް
ގާނޫނު ފާސްކޮށްފައިވަނީ އެމްޑީޕީން ބޭނުންވި ގޮތަކަށް ނޫންކަމަށް ވިދާޅުވި
ގާތުން ވެރިކަން ކޮށްގެން ނޫނި ބަދަލެއް ނުފެންނާނެ
ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރު ކުރަން ޖެހޭ

ޖަޒީރާ ރާއްޖޭގެ ހަގީގީ ތަރައްގީއަށް ވާސިލްވެވޭނީ ލާމަރުކަޒީ ރާއްޖެ ބިނާކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެެ.

ބުރާސްފަތި ދުވަހު ފެށި އެމްޑީޕީގެ ކައުންސިލަރުންގެ މަހާސިންތާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންގެ ގާތުން ވެރިކަން ހިންގިގެން ނޫނީ ބޭނުންވާ ބަދަލެއް ނުފެންނާނެ ކަމަށެވެ. އަދި 2010 ވަނަ އަހަރު ލާމަރުކަޒީ ގާނޫނު ފާސްވެގެންއައިރު އެމްޑީޕީން އެ ގާނޫނުގައި ހިމަނަން ބޭނުންވި ކަންތައްތައް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި، އެ ގާނޫނު ފާސްކޮށްފައިވަނީ އެމްޑީޕީން އެންމެ ބޭނުންވި ގޮތަކަށް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

ލާމަރުކަޒީ ނިޒާމަކީ ފައްކާވަމުން އަންނަ ނިޒާމެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުރީ ސަރުކާރުން އެމްޑީޕީން ގެނައި ލާމަރުކަޒީ ނިޒާމު މަރުކަޒީ ނިޒާމަކަށް ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. މިހާރު އެންމެ އިސްކަމެއް ދޭން ޖެހޭނީ މާލީގޮތުން ކައުންސިލްތައް ބާރުވެރި ކުރުވަން ކަމަށާއި، ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅި އެ ރަށެއްގެ މުއްސަނދިކަން އެ ރަށަށް ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމްކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

މައި ސަރުކާރުގެ ދަށުގައި މި ރާއްޖޭގެ މި ޖަޒީރާ ރަށްތައް ވަރަށް އެކަހެރިކޮށް، ވަރަށް ނިކަމެތިކޮށް އޮތް އޮތުމަށް، ނިމުމެއް ގެނައުމަށް އަޅުގަނޑުމެންގެ ވިސްނުމަށް އައީ، އެކަން އެންމެ ރަނގަޅަށް ކުރެވޭނީ، ސީދާ ރައްޔިތުންގެ އަތްމައްޗަށް ބާރުތައް ދީގެން ކަމަށް. ރައްޔިތުންނާ ގާތުން ވެރިކަން ހިންގިގެން ނޫނީ އަޅުގަނޑުމެން އެދޭ ބަދަލެއް ނުފެންނާނެ.
އިބްރާހިމް މުހައްމަދު ސޯލިހް / ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ އެ މަހާސިންތާގައި ހުށައެޅޭ ހިޔާލުތަކާއިއެކު ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ހުށައަޅަން ހަމަޖެހިފައިވާކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ ޤާނޫނީ ބަދަލުތައް މިހާރު އެކުލަވާލެވި ޑްރާފްޓް ކުރެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.

އެ ގާނޫނަށް ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެގޮތުން މުހިއްމު އިސްލާހުގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ހާއްސަކުރުމުގެ އިތުރުން، ބިމާއި ފަޅާއި، ފަރުފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސެންޓް އަދި ބިމުގެ ކުލީގެ 100 ޕަސެންޓް ކައުންސިލްތަކަށް ދޫކޮށްލެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ތަރައްޤީގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުންގެ ރޯލު ފުޅާ ކޮށް، މުޖުތަމަޢުގެ ކުރިއެރުމަށް އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ، ލާމަރުކަޒީ ނިޒާމުގެ މުހިންމު އެއްބައިކަމުގައެވެ. އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅަ އެއްބަޔަށް ވީއިރު، އަންނަން އޮތް ޖީލުތަކަށް، ދާއިމަށް ދެމިގެންދާނެ ކުރިއެރުމާއި ތަރައްޤީ ގެނެވޭނީ، އަންހެނުންގެ ޚިޔާލާއި ޢިލްމާއި ލަފާގެ ބޭނުން އެދެވޭ ގޮތުގައި ހިފައިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމަށް އަޅުގަނޑުމެން ގެނައުމަށް ނިންމާފައިވާ އިޞްލާޙުތަކުގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ 5 އިންސައްތަ ކައުންސިލްތަކަށް ޚާއްޞަ ކުރެވޭނެ. މީގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ އާއި، މީހުން ދިރިއުޅޭ ރަށްރަށުގެ އިޚްތިޞާޞްގައިވާ ބިމުގެ ކުލީގެ ސައްތައިންސައްތަ ކައުންސިލްތަކަށް ދޫކޮށްލެވޭނެ.
އިބްރާހިމް މުހައްމަދު ސޯލިހް / ރައީސުލްޖުމްހޫރިއްޔާ
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް