ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރަކަށް ވެވޭ އުމުރު 30 އަހަރަށް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި އެވެ.
އެބިލް ފާސްކޮށްފައިވަނީ މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި 62 މެމްބަރުން ވޯޓުންނެވެ.
ޖޭއެސްސީގެ މެމްބަރަކަށް ވެވޭ އުމުރު 40 އަހަރަށް ބަދަލުކުރުމަށް ހުށައަޅުއްވާފައިވަނީ ފުނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް އެވެ. ނަމަވެސް ގާނޫނީ ވަކީލުންނާއި ބާ ކައުންސިލުން ވަނީ ފަނޑިޔާރުންނަށް 25 އަހަރުން ފަނޑިޔާރުކަން ކުރެއްވޭ ކަމަށާއި އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެވެނީ 30 އަހަރުގައި ކަމަށް ވުމުން އުމުރު އެގޮތަށް ބަދަލު ކުރުމަށް ނުފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީއަށް ލަފާދެއްވާފަ އެވެ.
ވަކީލުންގެ ޚިޔާލާއި ބާކައުންސިލް މެމްބަރުންގެ ޚިޔާލާއިއެކު ކޮމިޓީ މަރުހަލާގައި އުމުރު 30 އަހަރަށް އިސްލާހުކޮށް މެމްބަރަކަށް ވެވޭ އެންމެ ދަށް އުމުރަކީ 30 އަހަރު ކަމުގައި ވަނީ ހަދާފަ އެވެ.
ޖޭއެސްސީގެ ގާނޫނަށް ގެންނެވި އިސްލާހުތަކުގެ ތެރެއިން ޖޭއެސްސީގައި އިންނަވާ އެއްވެސް ވަކީލަކަށް ކޯޓުގައި ވަކާލާތު ނުކުރެވޭގޮތަށް ޖޭއެސްސީގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. ޖޭއެސްސީގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައިވަނީ ކޮމިޝަނުގެ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރަކު ކޮމިޝަނަށް ހުށަހަޅައި ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ ޖޭއެސްސީގެ ރައީސް މަގާމުން ވަކިވާނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ތާވަލް ކޮށްފިނަމަ އެމައްސަލަ ބެލުމަށްފަހު ނޫނީ އެހެން މައްސަލައެއް ބެލުމަށް ކޮމިޝަނުގައި ތާވަލު ކޮށްގެން ނުވާނެ ކަމަށް ވެސް ފާސްކުރި އިސްލާހުގައި ބުނެފައި ވެއެވެ.
މީގެކުރިން ޖޭއެސްސީގެ މެމްބަރުން ވަނީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ. އެކަމާއި އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ. އެބިލް ހުށައެޅިއިރު ޖޭއެސްސީގެ އެއްވެސް މެމްބަރަކަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭނެ ކަމަށް އޮތް ނަމަވެސް ކޮމިޓީއިން ފާސްކޮށްގެން ތަޅުމަށް ފޮނުވިއިރު ވަނީ ޖޭއެސްސީގެ މެމްބަރުންގެ ތެރެއިން ކޯޓުތަކުގައި ވަކާލާތު ކުރެވޭނީ ހަމައެކަނި ބަންޑާރަ ނައިބަށް ކަމަށް ކަނޑައަޅާފައެވެ.
ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ތެރޭގައި ޖުޑިޝަލް އެކަޑަމީގެ އިދާރީ މުވައްޒިފުންނާއި މަސައްކަތާއި އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ޑިޕާޓްމެންޓް އޮސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށަށް ބަދަލުވާ ގޮތަށް ވަނީ ބަދަލު ކޮށްފައެވެ.