ސަޕްލިމެންޓްރީ ބަޖެޓު ފިނޭންސް މިނިސްޓްރީ އިން މަޖިލީހަށް ފޮނުވައިފިއެވެ.
ސަޕްލިމެންޓްރީ ބަޖެޓު މަޖިލީހަށް ފޮނުވާފައިވަނީ ބުދަ ދުވަހުއެވެ. މަޖިލީހުގައި ސަޕްލިމެންޓްރީ ބަޖެޓާއި ބެހޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރު ވާހަކަ ދައްކަވާއިރު ބަޖެޓުގެ ތަފްސީލް ލިބިގެންދާނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.
ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ ޕްލޭން ހެދުމަށް ފަހު ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބަޖެޓް ކޮމިޓީގައި މިނިސްޓަރ ވިދާޅުވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
އަދި މި ޕްލޭނާއި އެކު ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް އޭގެ އެންމެ ރަނގަޅު ގޮތުގައި (ބަޖެޓަށް ރިފްލެކްޓް) ނުވާނެ ގޮތަށް ވިސްނުންތެރިކަމާއެކު ބަޖެޓް އިން ކުރާނެ ހޭދަތައް ކަނޑައެޅުމަށް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އަދި ސަޕްލިމެންޓްރީ ބަޖެޓާއި ބެހޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓު ހުށައަޅަނީ ބޭރު ގައުމުތަކުން ލިބުނު އެހީތަކާއި އެހެނިހެން ގޮތް ގޮތުން ލިބިފައިވާ އެހީތަކާއެކު މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.