ރާއްޖެޓީވީ އަކީ ރާއްޖޭގެ ގިނަ ބަޔަކު ބަލާ އެންމެންގެ މެދުގައި ވެސް މަޤަބޫލު ޓީވީ ޗެނަލެކެވެ. ރާއްޖެޓީވީގެ މުވައްޒަފުންނާއި ނޫސްވެރިން ކުރާ ބުރަ މަސައްކަތަށް ގިނަ އާންމުންގެ އައްސަރިބަހާއި ސާބަސް ދެއެވެ. ރާއްޖެޓީވީން އަބަދުވެސް މަސައްކަތް ކުރަނީ ބެލުންތެރިންނަށް ތަފާތު މަސައްކަތްތައް ގެނެސްދިނުމަށްޓަކައެވެ. އެގޮތުން ނިމިގެންދިޔަ ބޮޑު އީދުގައި ރާއްޖެޓީވީގެ ފަރާތުން ވަނީ ރާއްޖެޓީވީގެ ބެލުންތެރިންނާއި އެންމެހާ ރައްޔިތުންނަށް އަގުހުރި އީދު ހަދިޔާއެއް އަރުވާފައެވެ. އީދު ދުވަހާއި ދިމާކޮށް ރާއްޖެޓީވީގެ މުވައްޒަފުން ވަނީ އީދު ލަވައެއް ތައްޔާރުކޮށް އީދު ހަދިޔާއެއްގެ ގޮތުގައި ރާއްޖެޓީވީގެ އީދު ޝޯ ގެ ތެރެއިން "ކުކުޅު ކުކުޅު" މި ލަވަ ރިލީޒް ކޮށްފައެވެ. މި ލަވައަށް ވެސް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އެގޮތުން މިހާތަނަށް ފޭސްބުކް ވިއުސް ދައްކާ ގޮތުން މި ލަވަ 62،600 މީހުން މިހާތަނަށް ވަނީ ބަލާފައެވެ. އަދި 927 މީހުން ވަނީ މި ލަވަ ޝެއަރ ކޮށްފައެވެ. ރާއްޖެޓީވީގެ 40 އަކަށް މުވައްޒަފުންގެ ހުނަރު ފެނިގެންދިޔަ "ކުކުޅު ކުކުޅު" މި ލައިވައިގެ ޅެން ހައްދަވާ ދެއްވީ މީގެ ކުރިން ވެސް ގިނަ ޅެންތަކެއް ހައްދަވާފައިވާ ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމެވެ.
ފޭސްބުކްގެ ކޮމެންޓްތަކަށް ބަލާލުމުން ވެސް ފެނިގެންދަނީ އާންމުން މި މަސައްކަތް ބަލައިގަނެފައިވާ މިންވަރެވެ. ބައެއް މީހުން ވަނީ ރާއްޖެޓީވީ އާއި ކުކުޅާއި ހުރި ގުޅުމަކީ ކޮބައިތޯ ބުނެ ސުވާލު އުފައްދާފައެވެ. އެ ސުވާލު އެ މީހުން ކޮށްލުމުން ވެސް ހިތަށް ހަމަ އެހެން އެރިއެވެ. އެބުނީ ތެދެކެވެ. ރާއްޖެޓީވީއާ ކުކުޅާއި ހުރި ގުޅުމަކީ ކޮބައިބާވައެވެ؟ މިހެން ހިތަށް އަރަން ޖެހުނު ސަބަބަކީ 2017 ވަނަ އަހަރު ރާއްޖެޓީވީގެ ފަރާތުން ރިލީޒް ކުރި ލަވައިން ވެސް ކުކުޅު ފެންނާތީއެވެ. އަދި އެ ލަވައިގެ ނަމަކީ ވެސް ކުކުޅެއް ކާން އެވެ. އާންމުންގެ ފަރާތުން އެ ލަވައަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.
މިފަހަރުގެ "ކުކުޅު ކުކުޅު" މި ލަވަ ތައްޔާރުކުރުމުގައި ރާއްޖެޓީވީގެ ގިނަ މުވައްޒަފުން ވަނީ ވަރަށް ބުރަކޮށް ހަރަކާތްތެރިވެފައެވެ. އެގޮތުން ރާއްޖެޓީވީގެ ޓެކްނިކަލް ޓީމާއި ކެމެރާމަނުންގެ ޓީމް ފާހަގަ ކޮށްލެވެއެވެ.
ރާއްޖެޓީވީގެ އަމާޒަކީ އާންމުންނަށް މިކަހަލަ ތަފާތު މުނާސަބަތުތަކާއި ގުޅުވައިގެން މިކަހަލަ ތަފާތު މަސައްކަތެއް ގެނެސްދިނުމެވެ. އަދި އާންމުން ރާއްޖެޓީވީއަށް ދޭ ލޯތްބާއި އަގު ނުކުރެވޭ ހިތްވަރުގެ ބަސްތައް އަބަދުމެ ރާއްޖެޓީވީން ބަލައިގަންނާނެއެވެ. ރާއްޖެޓީވީ އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުން ބަލާ ހިތްވާކަހަލަ ޕްރޮގްރާމްތަކާއި އެންމެ ފަހުގެ ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށްޓަކައެވެ.