ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރަކަށް ވެވޭ އުމުރު 30 އަށް ކުޑަކުރަން ޖުޑީޝަރީ ކޮމިޓީއިން ފާސްކޮށްފި އެވެ.
ކުރިން އެކޮމިޓީއިން ހުށައެޅީ ޖޭއެސްސީއަށް ކުރިމަތިލެވޭ އުމުރަކީ 40 އަށް ހެދުމަށެވެ. ނަމަވެސް ގާނޫނީ ވަކީލުންނާއި ބާ ކައުންސިލުން ވަނީ ފަނޑިޔާރުންނަށް 25 އަހަރުން ފަނޑިޔާރުކަން ކުރެއްވޭކަމަށާއި އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެވެނީ 30 އަހަރުގައި ކަމަށް ވުމުން އުމުރު އެގޮތަށް ބަދަލު ކުރުމަށް ނުފެންނަ ކަމަށް ކޮމިޓީއަށް މީގެ ކުރިން ޚިޔާލު ހުށައަޅާފައެވެ.
ހޯމަ ދުވަހު ބޭއްވި ޖުޑީޝަރީ ކޮމިޓީއިން ވަނީ ޖޭއެސްސީއަށް އައްޔަން ކުރާ މެމްބަރުންގެ އުމުރަކީ 30 ކަމަށް ކަނޑައަޅައި ގާނޫނު އިސްލާހު ކޮށްފައެވެ. އަދި ޖޭއެސްސީގައި އިންނަވާ އެއްވެސް ވަކީލަކަށް ކޯޓުގައި ވަކާލާތު ނުކުރެވޭގޮތަށް ޖޭއެސްސީގެ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. މީގެ ކުރިން ޖޭއެސްސީގެ މެމްބަރުން ވަނީ ކޯޓުތަކުގައި ވަކާލާތު ކުރައްވާފައެވެ. އެކަމާއި އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ. ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ތެރޭގައި ޖުޑިޝަލް އެކަޑަމީގެ އިދާރީ މުވައްޒިފުންނާއި މަސައްކަތާއި އެކަޑަމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް ޑިޕާޓްމެންޓް އޮސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށަށް ބަދަލުވާނެ ކަމަށެވެ. ޑީޖޭއޭ މިހާރު ހިންގަމުން ދަނީ ސުޕްރީމް ކޯޓުގެ ދަށުންނެވެ.
ޖުޑީޝަރީ ކޮމިޓީއިން ޖޭއެސްސީގެ ގާނޫނު ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާނެއެވެ. އެގާނޫނު ފާސްވާނީ މަޖިލީހުގެ ތަޅުމުން ގޮތް ނިންމުމުންނެވެ.