ހުޅުމާލޭގައި ހުންން ފިޓް ޒޯންއިން، ފިޓްނަސް ޓްރެއިނަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފިޓް ޒޯންގެ މެނޭޖިންގ ޑިރެކްޓަރ ރިޔާޝް ބުނީ މި ޕްރޮގްރާމަކީ އެ ޖިމްގެ ފަރާތުން ފިޓްނަސް ޓްރެއިނަރުން ތަމްރީން ކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އަދި މިއީ އޭޝިއާގެ ފިޓްނަސް ޓްރެއިނަރުން ތަމްރީނުކުރާ ބަޔަކާއި އެކު ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ވެސް ރިޔާޒް މައުލޫމާތު ދީފައިވެއެވެ.
މީގެ ކުރިންވެސް ޓްރެއިނަރުން ތަމްރީން ކޮށްފައިވާކަމަށް މައުލޫމާތު ދެމުން ރިޔާޝް ބުނީ އަމާޒަކީ ވީހާވެސް ގިނަ ފިޓްނަސް ޓްރެއިނަރުން މި ޕްރޮގްރާމްގެ ތެރެއިން ތަމްރީނު ވެގެން ދިޔުން ކަމުގައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ޖާގަ އޮތް މިންވަރަކުން ހުރިހާ އެންމެންނަށް ވެސް މި ޓްރެއިނިންގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށް ރިޔާޝް ބުނެފައިވެއެވެ.
ރިޔާޝް އިތުރަށް ބުނެފައިވަނީ މި ތަމްރީންތަކަކީ ބައިނަލްއަގްވާމީ ގޮތުން އެކްރެޑިޓް ކުރެވިފައިވާ ތަމްރީން ޕްރޮގްރާމްތަކެއް ކަމަށެވެ.
ހުޅުމާލޭގައި ހުޅުވިގެން ދިޔަ ފުރަތަމަ ޔުނިސެކްސް ޖިމް ކަމުގައިވާ ފިޓް ޒޯނަކީ ގިނަ އަދަދެއްގެ ޓްރެއިނިން ޕްރޮގްރާމްތަކާއި ފިޓްނަސް ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ޖިމްއެކެވެ. އޭގެ ތެރޭގައި އަންހެން ކަނބަލުންނަށް ހާއްސަ ކްލާސްތަކާއި ފިރިހެނުންނަށް ހާއްސަ ފިޓްނަސް ޕްރޮގްރާމްތަކުގެ އިތުރުން ޔޯގާ އަދި ޕަރސަނަލް ޓްރެއިނިން ޕްރޮގްރާމްތައް ވެސް ހިމެނެއެވެ.