ރައީސް ސޯލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އީދު ޗުއްޓީ އަށް ސްރީލަންކާ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ.
އީދު ޗުއްޓީ އަށް ރައީސް ލަންކާ އަށް ވަޑައިގެންނެވީ ބުދަ ދުވަހު އެވެ. ރައީސް ވަނީ މި އަހަރުގެ ފެބްރުއަރީ މަހު ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ޒިޔާރަތް ކުރައްވާފައެވެ. ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނަގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ގައުމުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. ރައީސް ވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނާވެސް އެ ދަތުުރުފުޅުގައި ބައްދަލުކުރައްވާފައެވެ.
ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު އެ ގައުމަކީ އަމާން ގައުމެއްކަން ހާމަކޮށްދިނުމުގެ ގޮތުން ރައީސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ލަންކާ އަށް ރަސްމީ ދަތުރެއް ކުރައްވާފައެވެ. އެ ދަތުރުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.