Advertisement
ކ. މާލެ
|
17 އޯގަސްޓް 2019 | ހޮނިހިރު 14:23
ޤުރުއާން މުބާރާތެއް ތެރެއިން
ޤުރުއާން މުބާރާތެއް ތެރެއިން
އިސްލާމިކް މިނިސްޓްރީ
ގައުމީ ޤުރުއާން މުބާރާތް
ކުރީ ސަރުކާރުން ބައިނަލްއަގްވާމީ ޤުރުއާން މުބާރާތްތަކުގައި ވަނަ ހޯދި ފަރާތްރަކަށް ފައިސާ ދީފައިނުވޭ: އިސްލާމިކް މިނިސްޓްރީ
ފައިސާ ހަވާލުކޮށްދިނީ ރައީސް ސޯލިހުގެ ސަރުކާރުގައި
ވަގުފު ފަންޑުން ފައިސާ ހުރީ ނަގާފައި
ދީނީ ކަންކަމަށް މިސަރުކާރުން ޚާއްސަ ސަމާލުކަމެއްދޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭއްވި ބައިނަލްއަގްވާމީ ޤުރުއާން މުބާރާތްތަކުގެ ވަނަވަނައަށް ދިޔަ ދަރިވަރުންނަށް ދޭންޖެހޭ ފައިސާ ދީފައިނުވާ ކަމަށާއި، އެފައިސާ ހަވާލުކޮށްދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން ބޭއްވި އިންޓަނޭޝަނަލް ގުރުއާން މުބާރާތުގައި ވަނަވަނަ ހާސިލްކުރި ދަރިވަރުންނަށް ދޭންޖެހޭ ފައިސާ ނުދީގެން އެމައްސަލަ ހުށަހެޅި ނަމަވެސް ވެރިކަން ނިމިގެން ދިއައިރު ވެސް އެދަރިވަރުންގެ ހައްގު ނުލިބޭ ކަމަށެވެ. ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ވަގުފު ފަންޑުން އެދަރިވަރުންނަށް ފައިސާ ހަވާލު ކުރުމަށް ކަމަށް ބުނެ ފައިސާ ނަގާފައިވާ ކަމަށާއި، އެފައިސާއަށް ވީގޮތް ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެގޮތުން 2017 ވަނަ އަހަރު ބޭއްވި އިންޓަނޭޝަނަލް ގުރުއާން މުބާރާތުގައި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ދިޔަ ދަރިވަރުންނަށް ވެސް ފައިސާ ދިނީ ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން ކަމަށެވެ.

ސަރުކާރުން އިންތިޒާމް ކުރާ މިއުޒިކް ޝޯތައް ބާއްވާއިރު، ކުރިން ބާއްވަމުން އައި ގުރުއާން މުބާރާތްތައް ނުބާއްވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުންފާޅުކޮށް ދައްކަވާފައިވާ ވާހަކަތަކަށް ރައްދު ދެއްވައި އޮފިޝަލް ވިދާޅުވީ ސްކޫލުތަކުގެ ޤުރުއާން މުބާރާތްތައް ބާއްވަމުން އަންނަ ކަމަށާއި، މިނިސްޓްރީން ދޭންޖެހޭ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އަދި ގައުމީ ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތްތަކާއި ބެހޭ ގޮތުން އޮފިޝަލް ވިދާޅުވީ އެމުބާރާތްތައް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ޤުރުއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތް ސެޕްޓެންބަރު 1 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement

އޮފިޝަލް ވިދާޅުވީ ޤުރުއާން ކިޔެވުވުމުގެ 33 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ، ޖުލައި މަހުގެ 9 ވަނަ ދުވަހުން ކަމަށާއި، އޮގަސްޓް މަހުގެ 20ގެ ނިޔަލަށް އެފުރުސަތު އެބައޮތް ކަމަށެވެ.

މީގެ އިތުރުން އޮފިޝަލް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި އިސްލާމްދީނުގެ ކަންކަމަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރާ ކަމަށާއި، ވަރަށް އަވަހަށް މިކަންކަން އިއުލާން ކުރެވިގެންދާނެ ކަމަށެވެ. އަދި އިދިކޮޅު ބައެއް ފަރާތްތަކުން މިފަދަ ވާހަކަތައް ދައްކަވަނީ ވަކި މަގުސަދެއް ހާސިލް ކުރުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

ހުކުރު ދުވަހު ޑރ. ޝަހީމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކޮންމެ އަހަރެއްގައި ވެސް ބާއްވާ ގައުމީ ގުރުއާން މުބާރާތް، މިއަހަރުގެ މިހާތަނަށް އައި އިރު ނުބާއްވާތީ އެކަމާ ހިތާމަކުރާ ކަމަށެވެ.

ގައުމީ ގުރުއާން މުބާރާތަކީ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މުބާރާތެއް ކަމާއި، މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި މުބާރާތް ބޭއްވުމަކީ ދަތިކަމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 އޯގަސްޓް 2019 | ހޮނިހިރު 15:24
މުހައްމަދު
2016 އަދި2017 އަލިގަދަތަރިންނަށްވެސްނުލިބޭ