ސަޕްލިމެންޓްރީ ބަޖެޓް ހުށައަޅަނީ މި އަހަރަށް ކަނޑައެޅި ބަޖެޓް ހުސްވެގެން ނޫން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ސަރުކާރުގެ ފަރާތުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމުމާއެކު އިދިކޮޅު ފަރާތްތަކުން ބުނީ ސަރުކާރުން ބަޖެޓެއް ހުށަހަޅަނީ 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ހުސްވެގެންކަމަށެވެ. އަދި އެހާބޮޑު ބަޖެޓެއް ހުސްވިގޮތް ސާފުކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ގޮވާލަމުންނެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓް ހުށައަޅަނީ ބޭރު ގައުމުތަކުން ލިބުނު އެހިތަކާއި އެހެނިހެން ގޮތް ގޮތުން ލިބިފައިވާ އެހީތަކާއެކު މަޝްރޫއުތަށް ކުރިއަށްގެންދިއުމަށް ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ޑިގްރީއަށް ކިޔަވަންދާ ހަރަދު އެ ބަޖެޓަށް އިތުުރު ކުރަން ޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސަރުކާރު އައުމަށް ފަހު ރާއްޖެއަށް އެންމެ ގިނައިން ހިލޭ އެހީ ދީފައިވަނީ އިންޑިއާ އިންނެވެ. ރަށްރަށުގެ ސްކޫލާއި ސިއްހީ މަރުކަޒުތައް ތަރައްގީ ކުރުމަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޯށްދީފައިވެއެވެ. އަދި އޭގެއިތުރުން އިންޑިއާގެ އެކްޒިމް ބޭންކު މެދުވެރިކޮށް 800 މިލިއަން ޑޮލަރުގެ ލޯނެއް ވަނީ ދީފަ އެވެ.
ގައުމީ ތަރައްގީގެ މާސްޓަރ ޕްލޭނެއް ހެދުމަށްފަހު ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވިދާޅުވެފައެވެ.