ކުރީގެ ރައީސް އަބްދުﷲ ޔާމީން މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން އެމަނިކުފާނާއި އަރިސްކޮށް އުޅުއްވާ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް(ސަން ސިޔާމް) ވެސް އެއް މިލިއަން ޑޮލަރު ޖަމާކޮށްދެއްވިކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓުން އެހެނިހެން އެކައުންޓަތަކަށް ވަނީ ޖަމާވެފައެވެ. އޭގެ ތެރޭގައި ރައީސް ޔާމީން އިސްލާމިކް ބޭންކުގައި ހުޅުއްވި ޑޮލަރު އެކައުންޓް ވެސް ހިމެނެއެވެ.
ރައީސް ޔާމީން ޑޮލަރު އެކައުންޓް ހުޅުވިތާ ހަ ދުވަސް ފަހުން އެސްއޯއެފުން ދެފަހަރެއްގެ މަތިން އެމަނިކުފާނުގެ އެކައުންޓަށް ވަނީ އެއް މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އެ ފައިސާތަކުން އިތުރު ފައިދާ ހޯދުމަށް އިސްލާމިކް ބޭންކުގައި ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓެއް ރައީސް ޔާމީން ވަނީ ހުޅުއްވާފައެވެ. ޑޮލަރު އެކައުންޓުގައި ހުރި ފައިސާތައް ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަށް ބަދަލުކޮށް ފައިދާ ހޯއްދަވާފައިވާއިރު އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފައިވަނީ އެސްއޯއެފްގެ ފައިސާ ޖަމާކުރި ފަހުން ރައީސް ޔާމީންގެ އެކައުންޓަށް އެހެން ދެ ފަރާތަކުން މިލިއަން ޑޮލަރުން ދެފަހަރެއްގެ މަތިން ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ. އެސްއޯއެފްގެ އެއްމިލިއަން ޑޮލަރާއިއެކު ރައީސް ޔާމީންގެ ޑޮލަރު އެކައުންޓުގައި ހުރި ފައިސާގެ އަދަދު ތިން މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާކަމަށް ވެސް އޭސީސީއިން ވަނީ ބުނެފައެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެސްއޯއެފްއިން ޖަމާކުރި ފައިސާގެ އިތުރުން ރައީސް ޔާމީންގެ އެކައުންޓަށް މިލިއަން ޑޮލަރުގެ ފައިސާ ޖަމާކޮށްފައިވާ އެއް ފަރާތަކީ އެމަނިކުފާނުގެ އަރިސް ބޭފުޅެއްކަމަށްވާ ސަން ސިޔާމެވެ. ނިމިދިޔަ ސަރުކާރުގައި ސަން ސިޔާމްގެ ޕާޓީ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ) އޮތީ ސަރުކާރާއި އެކު ކޯލިޝަންގައެވެ. ސިޔާމް، ރައީސް ޔާމީނަށް އެހާ ގިނަ އަދަދެއްގެ ފައިސާ ދެއްވާފައިވަނީ ކީއްވެތޯ ސާފުވާ ގޮތް ވަނީ ނުވެފައެވެ.
ރައީސް ޔާމީނަށް ކުރެވޭ މަނީލޯންޑަރިންގެ ތުހުމަތާއި ގުޅިގެން ބޭއްވި ޝަރީއަތެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެސްއޯއެފްގެ ފައިސާ ޖަމާވިއިރު ވެސް އިސްލާމިކް ބޭންކްގައި ހުޅުއްވި ޑޮލަރު އެކައުންޓުގައި ތިން ހަތަރު މިލިއަން ޑޮލަރު ހުންނާނެ ކަމަށެވެ. އެކަމަކު އޭސީސީއިން ބުނެފައިވަނީ ޑޮލަރު އެކައުންޓް ހުޅުވުމަށް ޖަމާކުރި 250 ޑޮލަރާއި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ ކުރިން އެއްވެސް އެހެން ފައިސާއެއް އެ އެކައުންޓަށް ޖަމާ ނުވާކަމަށެވެ. އަދި އެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އޭގެ ފަހުގެ ތާރީޚެއްގައި ދެ ޓްރާންސެކްޝަނަކުން އެއް މިލިއަން ޑޮލަރު ޖަމާވެފައިވާކަން ފާހަގަވާ ކަމަށެވެ.
ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ވެސް ވަނީ އެސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވަނީ އެހެން ފައިސާތަކެއްކަމާއި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކޮށް އެފައިސާގެ އަސްލު އޮޅުވާލާފައިވާ ކަމަށެވެ. އަދި ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓުން ރައީސް ޔާމީން 36 މަސް ދުވަހަށް އިންވެސްޓުކޮށް ފައިދާ ހޯއްދަވާފައިވާ ކަން ހާމަވާކަމަށް ވަނީ ބުނެފައެވެ.