މެލޭޝިއާގެ ރިސޯޓަކުން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު ޚާއްސަ އެހީއަށް ބޭނުންވާ ނޯރާ އާނެ ކުއޮރިން މަރުވީ ބަނޑުހައިހޫނުކަމާއި ކަންބޮޑުވުމުގެ ސަބަބުން ކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.
15 އަހަރުގެ ނޯރާގެ ހަށިގަނޑު ބުރާސްފަތި ދުވަހު ފެނުމާއި އެކު ފުލުހުން ވަނީ އޭނާ މަރުވުމަށް ދިމާވިކަންތައްތައް ބެލުމަށް ޕޯސްޓްމޯޓަމް ހަދާފައެވެ. ޕޯސްޓްމޯޓަމުން ދައްކާގޮތުގައި ނޯރާ މަރުވާން ދިމާވީ ކަންބޮޑުވުމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެންނެވެ.
ނޯރާ ކިޑްނެޕްކޮށްފައިވާ ކަމެއް އަދި ރޭޕްކޮށްފައިވާ ކަމެއް ޕޯސްޓްމޯޓަމަކުން ނުދައްކާ ކަމަށް މެލޭޝިއާގެ ޗީފް ޕޮލިސް މުހައްމަދު ޔޫސުފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ނޯރާ މަރުވެފައި އޮއްވާ ފައިން ފެނުނު ނޫފައިގެންފައި ހުރި ނިޝާނަކީ އޭނާ މަރުވުމަށް ދިމާވި ކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ނޯރާ މަރުވުމުގެ އެންމެ ބޮޑު ސަބަބަކީ އޭނާގެ ބަނޑަށް ދިމާވި ގެއްލުން ކަމަށާއި ގިނަ އިރުތަކެއްވަންދެން ބަނޑުހައިހޫނުކަން ދިމާވެ އަދި ކަންބޮޑުވުމުގެ ސަބަބުން އެތެރެއަށް ލޭ އެޅުނީ ކަމަށެވެ.
ނޯރާ ގެއްލިފައިވަނީ މިމަހުގެ 4 ވަނަ ދުވަހު އެވެ. އޭނާ ގެއްލިފައިވަނީ އެދުވަހު އާއިލާ މެމްބަރުންނާއެކު މެލޭޝިއާގެ ރިސޯޓެއްގެ ޖަންގަލީއަށްގޮސް އުޅުމުގެ ތެރޭގައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ނޯރާ ފެނިފައިވަނީ އޭނާ މަރުވިތާ ދެ ދުވަސް ނުވަތަ ހަތަރު ދުވަސް ފަހުންނެވެ.