ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އަށް ޖަވާބުދާރީވުމަށްދީފައިވާ މުއްދަތު ހަމަވާނީ މިމަހުގެ 26 ވަނަ ދުވަހަށް ކަމަށް ކޮމިޝަނުން ބުނެފި އެވެ.
ފަނޑިޔާރު ދީދީގެ މައްސަލަ ބެލުމަށްފަހު އެކުލަވާލާފައިވާ ރިޕޯޓަށް ޖަވާބުދާރީވުމަށް 30 ދުވަހުގެ މުއްދަތެއް ދިނުމަށް ޖޭއެސްސީން ނިންމާފަިއވަނީ ޖުލައި މަހުގެ 8 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގަ އެވެ. އެ މުއްދަތަކީ ގާނޫނުގައި ބަޔާން ކުރާ މުއްދަތެކެވެ.
ޖޭއެސްސީގެ ޑިރެކްޓަރ ހަސަން ޒަހީން ވިދާޅުވީ ޤާނޫނުގައި ބުނާގޮތުގައި މުއްދަތު ގުނަނީ ބަންދު ދުވަސްތައް ނުހިމަނާކަމުން، 30 ދުވަހުގެ މުއްދަތު ހަމަވާނީ މިމަހުގެ 26 އަށް ކަމަށެވެ.
ފަނޑިޔާރު ދީދީ، ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވާނީ 30 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު އެވެ.
ފަނޑިޔާރު ދީދީގެ ތަހުޤީޤް ކުރިއަށްގެންގޮސްފައިވަނީ އާންމުކޮށް ހުޅުވާލައިގެން ދަރުބާރު ގޭގަ އެވެ. އެ ބައްދަލުވުމުގައި ފަނޑިޔާރު ދީދީ ސުވާލުތަކަށް ޖަވާބުދެއްވާފައިނުވާއިރު، ފަހުން ވަނީ ލިޔުމުން ޖަވާބުދެއްވާފަ އެވެ.
ދީދީގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތެރޭގައި އެމްއެމްޕީއާރްސީ ހިޔާނަތުގައި ހިމެނޭ މީހުންގެ އަތުން ފައިސާ ނެގުމުގެ އިތުރުން މަގާމު ބޭނުންކޮށް ނާޖާއިޒު މަންފާ ހޯދުންވެސް ހިމެނެއެވެ. އެ ހުރިހާ ތުހުމަތުތަކަކަށް ދީދީ އިންކާރު ކުރައްވައެވެ. އޭގެއިތުރުން ފަނޑިޔާރު ދީދީގެ އަނބިކަނބަލުންނަށް ނުފޫޒުން މަޤާމެއް ހޯދައިދެއްވުމަށް އެދިވަޑައިގެން ކޮށްފައިވާ މެސެޖުތަކެއް ވެސް ހިމެނެ އެވެ. އެގޮތުން މެލޭޝިއާގައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް އޭނާގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ގަފޫރު ހަމައްޖައްސައިދޭން އެދިފައިވާކަން އެ މެސެޖުތަކުން ހާމަވެއެވެ.
ތަހުޤީޤުގައި އެކަން ހާމަވުމާއެކު ޣާނިޔާ އަބްދުލް ގަފޫރު ވަނީ މަޤާމުން ވަކިކުރައްވާފަ އެވެ. އަދި ފަނޑިޔާރު ދީދީ މިވަގުތުވެސް ހުންނެވީ މެލޭޝިޔާގަ އެވެ. އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ ތަހުގީގަށްފަހު އަމިއްލަ ދަތުރުފުޅެއްގައި ދީދީ މެލޭޝިޔާ އަށް ވަޑައިގެންނެވީ ޖޫން މަހުގެ 28 ގައެވެ.