މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ވައިގަދަ ވުމުގެ ސަބަބުން އައްޑޫ ސިޓީގެ 54 ގެއަކަށް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ، ވިއްސާރައިގައި އެކި އަވަށްތަކުން ޖުމުލަ 54 ގެއަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށާއި، ބައެއް ގޭގޭގެ ފުރާޅު އެއްކޮށް ހަލާކުވެފައިވާ ކަމަށެވެ. އެގޮތުން ގެއްލުންވެފައިވާ ގެތަކަށް ބޭނުންވާ ޓިނު ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލުން ކޮށްފައިވާއިރު، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ގޭގޭގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
Addu City ah kuri vissaaraigaa eki avahthakun mulhi eku 54 ge’ehge furaalhah ekivaruge gellun libunu adhi baeh geygeyge furaalhu ehkoh halaakuvi. Meege therein 11 geyge furaalhu maraamaathu kohdhinumuge masahkaiy mihaaru nimifaivaairu, baaky gethakuge masahkaiy dhany kuriyah pic.twitter.com/861pGvmmg8
— Addu City Council (@AdduCityCouncil) August 13, 2019
އައްޑޫ ސިޓީ ކައުންސިލުން އިތުރަށް ބުނީ ވިއްސާރަވެ ވައިގަދަވުމާ ގުޅިގެން ރަށުތެރޭގައި ހެދިފައިވާ ބޮޑެތި ގަސްތަކުގެ ތެރެއިން 35 ގަހެއް ވެއްޓިފައިވާ ކަމަށާއި، ގަސްތައް ނަގައި ސާފު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިިއްސާރައިގައި އެކި ހިސާބުތަކަށް މޫސުންގޯސްވެ ހާދިސާތައް ހިނގަމުންދާއިރު، މޫސުމަށް ސަމާލު ވުމަށް މޫސުމާބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ރާއްޖެ އެކި ކަންކޮޅުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން ބައެއް ސަރަަހައްދުތަކަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވިފައިވާ ކަމަށް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.