މީގެ 10 ދުވަސް ކުރިން މެލޭޝިއާގެ ރިސޯޓަކުން ގެއްލުނު އަޔަލޭންޑްގެ އަންހެން ކުއްޖާގެ ހަށިގަނޑު އެ ގައުމުގެ ފުލުހުން އަންގާރަ ދުވަހު ހޯދައިފި އެވެ. އޭނާ މަރުވި ސަބަބެއް އަދި ދެނެގަނެވިފައެއްނުވެ އެވެ.
ހާއްސަ އެހީއަށް ބޭނުންވާ 15 އަހަރުގެ ނޯރާ އާނެ ކުއޮރިން ގެއްލުނު ކަމުގެ ރިޕޯޓް ކޮށްފައިވަނީ، މި މަހުގެ ހަތަރު ވަނަ ދުވަހު އާއިލާގެ މެމްބަރުންނާ އެކު ވެރިރަށް ކުއްލަލަމްޕޫރާ 70 ކިލޯމީޓަރު ދުރުގައި ސެރެމްބަން ޖަންގަލީއަށް ގޮސް އުޅެނިކޮށެވެ.
ފުލުހުން ހޯދާފައިވަނީ ނޯރާގެ ހަށިގަނޑުކަން އޭނާ ގެ އާއިލާއިން ކަށަވަރު ކޮށްދީފައިވާ ކަމަށް އެ ޝަހަރުގެ ފުލުހުން ވަނީ ބުނެފަ އެވެ. އޭނާގެ އޮޓޯޕްސީ ބުދަ ދުވަހު ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
ނޯރާގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ހުރި ރިސޯޓާ 2.5 ކިލޯމީޓަރު ދުރު ހިސާބުންނެވެ. ހަށިގަނޑު އެހިސާބު ގައި ހުންނަ ހޮސްޕިޓަލަށް ފުލުހުން ގެންދިޔައީ ހެލިކޮޕްޓަރުގައި އެވެ.
ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެއަކީ ބަޔަކު ރާވައިގެން ހިންގާފައިވާ ކަމެއްކަން ލިބިފައިވާ ހެކިތަކުން މިހާތަނަށް ސާބިތުވެފައިނުވާ ކަމަށް ފުލުހުންގެ ޑެޕިއުޓީ ޕޮލިސް ޗީފް މަޒްލާން މަންސޫރު ވިދާޅުވި އެވެ.
އެ ކުއްޖާ އަކީ ކުޑައިރުއްސުރެ އެކަނި ތަންތަނަށް ގޮސް އުޅޭ ކުއްޖެއް ނޫން ކަމަށާއި، މާ ގިނައިން ވާހަކަ ދައްކާ ކުުއްޖެއް ނޫންކަމަށް އާއިލާގެ މެމްބަރުން ވަނީ މިދިޔަ ހަފްތާގައި ބުނެފަ އެވެ.
އޭޝިއާގެ އިތުރުން ޔޫރަޕްގެ ގައުމުތަކަށް ނޯރާ ގޮސްފައިވާއިރު، އެއިން އެއްވެސް ފަހަރަކު އޭނާ ގެއްލިފައެއްނުވެ އެވެ. އާއިލާ އާ އެކު ލަންޑަނުގައި ދިރިއުޅެމުން ދިޔަ ނޯރާ އަތުގައި އަޔާލޭންޑްގެ އިތުރުން ފަރަންސޭސިވިލާތުގެ ޕާސްޕޯޓް އޮވެ އެވެ.