އަންނަ ޑިސެމްބަރު މަހު ސްރީލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެގައުމުގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ އިން ނެރޭނެ ކެނޑިޑޭޓަކީ ގޯތާބަޔަ ރާޖަޕަކްސާކަމަށް ކަނޑައަޅައިފިއެވެ.
ލަންކާގެ އެންމެ ބޮޑު އެއް އިދިކޮޅު ޕާޓީ ޕޮދުޖަނާ ޕެރަމޫނާ (އެސްއެލްޕީޕީ)ގެ ނެޝަނަލް ކޮންވެންޝަންގައި ގޯތާބަޔަ ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވީ އެގައުމުގެ ކުރީގެ ރައީސް އަދި އޭނާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސާއެވެ.
ރިޔާސީ ކެންޑިޑޭޓުކަން ގަބޫލު ކުރެއްވުމަށްފަހު ގޯތާބަޔަ ރާޖަޕަކްސާ ވިދާޅުވީ އޭނާ އެންމެ އިސްކަމެއް ދެއްވާނީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އަދި ލަންކާގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރުމަށާއި މިދިޔަ އެޕްރީލް މަހު އެގައުމަށް ދިން ހަމަލާއާއި ގުޅިގެން ހީނަރުވެފައިވާ އެގައުމުގެ އިގްތިސާދު ކުރިއެރުވުމަށް ޚާއްްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ނަސްލީ ތަފާތުކުރުންތަކާއި ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ ފަރާތްތަކަށް އެގައުމުގައި ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ގޯތާބަޔަ ވަނީ ލަންކާގައި ދިގުދެމިގެންދިޔަ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އިސް ދައުރެއް އަދާކުރައްވާފައެވެ. އޭނާއަށް ވަނީ ތަފާތު އެކި ޖިނާއީ ތުހުމަތުތަކެއް ކުރެވިފައެވެ. އެގޮތުން 2009 ވަނަ އަހަރު މަރާލި ލަންކާގެ ނޫސްވެރިޔާ ލަސަންތަ ވިކްރަމަތުންގެ މަރާލުމުގައި ގޯތާބަޔަގެ އަތެއް ވާކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.
މީގެ އިތުރުން ބޭބޭފުޅު މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގައި އެތައް ބަޔަކު މަރާލި ކަމުގެ ތުހުމަތުތަކެއް ވެސް ގޯތާބަޔަ މައްޗަށް ކުރެވެއެވެ. އެކަމަކު އެތުހުމަތުތަކަށް ގޯތާބަޔަ އިންކާރު ކުރައްވައެވެ.
ލަންކާގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ބާއްވާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ. މިހާރު ލަންކާގައި ރައީސަކަށް ހުންނެވި މައިތިރިޕާލާ ސިރިސޭނާގެ މިދައުރު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ. އިންތިހާބުގައި ވާދަކުރުމާ މެދު ސިރިސޭނާ އަދި ގޮތެއް ނުނިންމަވައެވެ.