ރާއްޖޭގައި އެންމެ މަގުބޫލު ޓީވީ ޗެނަލްކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ރާއްޖެ ޓީވީގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެންނިހެން މުވައްޒަފުންގެ މަސައްކަތައް އަބަދުވެސް ބަލައިގަންނަ އަދި ތައުރީފު ލިބޭ މަސައްކަތެކެވެ.
އެހެންކަމުން މިފަހަރުގެ އަޟްހާ އީދާއި ގުޅިގެން ރާއްޖެ ޓީވީގެ މުވައްޒަފުން ވަނީ ރާއްޖެ ޓީވީގެ ބެލުންތެރިނަށް އީދު ހަދިޔާއެއްގެ ގޮތުން ޚާއްސަ އީދު ލަވައެއް ތައްޔާރު ކޮށްފައެވެ.
އަޞްހާ އީދުގެ މުނާސަބަތުގައި ރާއްޖެޓީވީގެ މުވައްޒަފުން ތައްޔާރު ކުރި އީދު ލަވަ "ކުކުޅު ކުކުޅު" ރިލީޒްކޮށްފައިވަނީ ރާއްޖެ ޓީވީން ގެނެސްދޭ އީދު ޝޯގެ ތެރެއިން އީދު ދުވަހު ހެނދުނު އެވެ.
މި ލަވަ އާއި ގުޅޭގޮތުން ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް ވިދާޅުވީ މީގެ ދެއަހަރު ކުރިންވެސް ރާއްޖެ ޓީވީގެ މުވައްޒަފުން ތައްޔާރު ކުރި އީދު ލަވަ ބެލުންތެރިންނަށް ވަރަށް ކަމުދިއުމުން އަނެއްކާވެސް މިފަދަ ލަވައެއް ހެދުމަށް ވަރަށްގިނަ ބެލުންތެރިންގެ އެދުމުގެ މަތިން ތައްޔާރުކޮށްފައިވާ ލަވައެއް ކަމަށެވެ.
ރާއްޖެޓީވީގެ 40 އަކަށް މުވައްޒަފުންގެ ހުނަރު ފެނިގެންދިޔަ މި ލައިވައިގެ ޅެން ހައްދަވާ ދެއްވީ މީގެ ކުރިންވެސް ގިނަ ޅެންތަކެއް ހައްދަވާފައިވާ ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް އެވެ.
މުވައްޒަފުންގެ ތަފާތު ހަރަކާތްތައް ދައްކައިދިން މި ލަވަ ޑައިރެކްޓް ކޮށްދިނީ ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް އެވެ.
މި ލަވަ ޖޯޝާ ފޯރިއާއި އެކު ހުށަހަޅާފައިވަނީ މުހައްމަދު ޝާހިދެވެ. އަދި ކޯރަސްގެ ބައި ހުށަހަޅާފައިވަނީ ޝަހީދާ ރިފްއަތު އެވެ.އަދި ރެކޯޑިންގ އަދި މިކްސިން ހަދާފައިވަނީ ހުސެއިން ރަމީޒު އެވެ.މިލަވަ މިހާރު ރާއްޖެޓީވީގެ ފޭސްބުކް އަދި ޔޫޓިބިއުން ފެންނަން ހުންނާނެއެވެ.
2017 ވަނަ އަހަރު ވެސް އަޟްހާ އީދަށް ރާއްޖެ ޓީވީގެ މުވައްޒަފުން ވަނީ "ކުކުޅެއްކާން" ނަމުގައި ލަވަ އެއް ތައްޔާރު ކޮށްފައެވެ.
އެލަވަވެސް ވެގެން ގޮސްފައިވަނީ ބެލުންތެރިނަށް ހައިރާންކަން ގެނެސްދިން ލަވައަކަށެވެ.
ރާއްޖެޓީވީ މެދުވެރިކޮށް ވަރަށް ގިނަ ބަޔަކު ވަނީ ރާއްޖެޓީވީގެ ފޭސްބުކް އަދި ޔޫޓިބިއުން ވެސް އެ ލަވަ ބަލާފަ އެވެ. އަދި ސޯސަމީޑިޔާ މެދުވެރިކޮށާއި ރާއްޖެ ޓީވީއަށް ގުޅައިގެން އެލަވަ އާ އާމެދު ދެކޭގޮތް ކިޔާދީފަ އެވެ.
މި ލަވަ ބެލުމަށްފަހު ބައެއް ބެލުންތެރިން ބުނެފައިވަނީ ރާއްޖެޓީވީގެ އީދު ހަދިޔާ ވަރަށް ބޮޑަށް ކަމު ގޮސްފި ކަމަށާއ ލަވަ ވަރަށް ފުރިހަމަ ކަމަށެވެ.
އަދި އަނެއް ބަޔަކު ވަނީ ރާއްޖެޓީވީގެ ޓީމް ވޯކް ފެނިފައި ސަބާސްދޭ ކަމަށް ބުނެފަ އެވެ. ރާއްޖެ ޓީވީގެ މުވައްޒަފުންގެ ފަރާތުން ތަފާތު ހުނަރެއް ފެނުނީމަ ވަރަށް ހިތްހަމަ ޖެހިއްޖެ ކަމަށް ވަނީބުނެފަ އެވެ. އަދި ސިޔާސީ، އިޖްތިމާއީ ކުޅިވަރުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ މީހުންނާއެކު ޕްރޮގުރާމްތަކުންނާއި ނޫސްވެރިންގެ ބައްދަލުވުންތަކުން ފެނުން މޫނުތައްގެ ތަފާތު ފެނުމެއް ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.