ކަޝްމީރު މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ގޯސްވެފައިވަނިކޮށް ޕާކިސްތާނުގައި ސިނަމާތަކުގައި އިންޑިއާ ފިލްމުތައް އެޅުވުން ބުރާސްފަތި ދުވަހު މަނާކޮށްފި އެވެ.
އެ ދެ ގައުމުގެ ގުޅުން ގޯސްވެގެން އުޅެނީ މުސްލިމުންގެ ބޮޑު އާބާދީ އެއް އޮންނަ ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ. ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އަށް ބަދަލުތައް ގެނައުމާއި އެކީ އިންޑިއާގެ އެހެން ސްޓޭޓްތަކުގެ މީހުންނަށް ކަޝްމީރުގެ ރަށްވެހިންނަށް ވުމުގެ ފުރުސަތާއި، ބިން ގަނުމުގެ ފުރުސަތު ލިބިގެންދެ އެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޙާންއަށް ބްރޮޑްކާސްޓު ކުރުމާއި ބެހޭ ގޮތުން ލަފާއަރުވާ ފިރްދައުސް އަޝްވިގް އަވަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާކިސްތާނުގެ އެއްވެސް ތިއޭޓަރެއްގައި އިންޑިއާގެ ޑްރާމާތަކާއި ފިލްމު އެޅުވުން އެއްކޮށް މަނާ ކޮށްފައިވާ ކަމަށެވެ.
މިއީ ޕާކިސްތާނުގައި އިންޑިއާގެ ފިލްމުތައް އެޅުވުން މަނާ ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ދެ ގައުމުގެ ދެމެދުގައި ސިޔާސީ މަޝްރަހު ހޫނުވާ ކޮންމެ ފަހަރަކު އިންޑިއާގެ ފިލްމުތައް ރިލީޒް ކުރުން މަނާކޮށް ބައެއް ފިލްމުތައް ސެންސަރު ވެސް ކުރެ އެވެ.
ބޮލީވުޑް ފިލްމުތައް ކަމަށްވާ ''ރާޒީ އާއި އައްޔާރީ އަކީ އެންމެ ފަހުން ޕާކިސްތާނުގައި އެޅުވުން މަނާކުރި ބޮލީވުޑް ފިލްމުތަކެެވެ.
2018 ވަނަ ރިލީޒް ކުރި ހިންދީ ފިލްމު ''މުލްކު'' އެޅުވުންވެސް ޕާކިސްތާނުގައި މަނާކުރިއެވެ. އެ ފިލްމުގައި އިންޑިއާގެ މުސްލިމުންގެ ވާހަކަ ގެނެސްދީފައިވަނީ އެންމެ ރަނގަޅު ގޮތަށް ނޫން ކަމަށް ޕާކިސްތާނުގެ ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފަ އެވެ.
''ޕެޑް މޭން'' ގެ އިތުރުން ''ވީރް ދި ވެޑިން'' ފިލްމު ޕާކިސްތާނުގައި އެޅުވީ ފިލްމު ރިލީޒް ކުރި ތާރިހަށްވުރެ ވެސް ފަހުންނެވެ.