ކަޝްމީރު މައްސަލާގައި ޕާކިސްތާނާއި އިންޑިއާގެ ސިޔާސީ ގުޅުން ހީނަރުވެ، ވިޔަފާރީގައި ބައެއް މުއާމަލާތްތައް މިވަގުތު ހުއްޓާލައިފިއެވެ.
ޕާކިސްތާންއިން ބުދަ ދުވަހު މިކަން އިއުލާން ކުރީ އިންޑިއާއިން ޖަންމޫ ކަޝްމީރަށް ސިފައިންނާއެކު ވަދެގަނެ، ކުރިން އެކުލަވާލާފައިވާ ގާނޫނުތައް ކަމަށްވާ 370 ވަނަ މާއްދާ އަދި 35 ވަނަ މާއްދާއާ ހިލާފަށް ޖަންމޫ ކަޝްމީރު ދެޔޫނިއަން ސްޓޭޓް ޓެރިޓަރީސް އަށް ބަދަލު ކޮށްފައިވާތީއެވެ.
މިކަމާ ގުޅިގެން ނުރުހުންފާޅުކޮށް ޕާކިސްތާނުން ވަނީ އިންޑިއާގެ ހައި ކޮމިޝަނަރު އަބުރާ އިންޑިއާއަށް ފޮނުވާލާފައެވެ. އަދި އަލަށް ހޮވާފައިވާ ޕާކިސްތާން ހައި ކޮމިޝަނަރު ވެސް އިންޑިއާއަށް ނުދާނެ ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން މިދެގައުމުން ވަނީ ސިޔާސީ އަދި އެހެނިހެން ގުޅުންތައް ކަނޑާލާފައެވެ. އެގޮތުން 1965 އަދި 1971 ވަނީ މިގޮތަށް ގުޅުން މެދުކަނޑާލާފައެވެ.
ޕާކިސްތާންގެ ޕްރައިމް މިނިސްޓަރު އިމްރާން ހާން ވަނީ މިމައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައެވެ.
އެތައްފަހަރެއްގެ މަތިން ޖަންމޫ ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ އެތެރޭގެ މައްސަލައެއް ކަމަށް ޕާކިސްތާންއިން ބުނި ނަމަވެސް މޯދީގެ ސަރުކާރުން ޖަންމޫ އަދި ކަޝްމީރު އަށް ބާރުހިންގަން ދިމާކުރުމުން ޕާކިސްތާންއިން ވަނީ މިމައްސަލާގެ ތެރެއަށް ވަދެފައެވެ.
ޕާކިސްތާނުން ބުނީ 370 ވަނަ މާއްދާގެ އަލުން އިޔާދަކުރެވެން ހުރި ހުރިހާ ކަމެއް ޕާކިސްތާން އިން އިންޑިއާއާ ދެކޮޅަށް ކުރާނެ ކަމަށެވެ.
ޕާކިސްތާން އިން ވަނީ އެގައުމުގެ މިނިވަން ދުވަސްކަމުގައިވާ އޮގަސްޓް 14 ވަނަ ދުވަހު ކަޝްމީރު މީހުންގެ ދިފާއުގައި އަދި އެމީހުންގެ ހައްގު ހޯދުމަށް އެކުރާ ހިތްވަރަށްޓަކައި މިނިވަން ދުވަހު އެކަން ފާހަގަކުރާނެ ކަމަށެވެ. އަދި ޖެހިގެން އަންނަ 15 ވަނަ ދުވަސް ކަޅު ދުވަހެއްގެ ގޮތުގައި ކަޝްމީރު މީހުންނަށްޓަކައި ފާހަގަކުރާނެ ކަމަށް ޕާކިސްތާނުން ބުނެއެވެ.
މިނިންމުންތައް އިމްރާން ހާން ނިންމީ ޕްރައިމް މިނިސްޓަރުގެ އޮފީހުގައި ބޭއްވި ސެކިއުރިޓީ ކޮމެޓީގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި ޕާކިސްތާންގެ އެކި މިނިސްޓްރީތަކުގެ އިސްވެރިން ބައިވެރިވެރިވެފައިވާއިރު، މަތީ ފަންތީގެ އިތުރު ބޭކަލުން ވެސް ބައިވެރިވިއެވެ. އަދި އިމްރާން ހާން ވަނީ އިތުރަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.