ކ. މާލެ
|
5 އޯގަސްޓް 2019 | ހޯމަ 18:35
ޝާހުރުކް ޚާން އާއި ޕްރިޔަންކާ ޗޯޕްރާ
ޝާހުރުކް ޚާން އާއި ޕްރިޔަންކާ ޗޯޕްރާ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
މި ތަރިންނަށް ލިބުނު ފުރަތަމަ މުސާރަ ޚަރަދުކުރިގޮތް އިނގޭތަ؟
ބައެއް ތަރިން ވަނީ ވެއިޓަރުންގެ ވަޒީފާ އަދާކޮށްފައި

ކާމިޔާބީ އާއި ކުރިއެރުމަކީ އެހާ ފަސޭހައިން ލިބޭ އެއްޗެއް ނޫނެވެ. ވަޒީފާގެ ފުރުސަތުތައް ހޯދުމަށްޓަކައި ބުރަ މަސައްކަތްތަކެއް ވެސް ކުރަން ޖެހެއެވެ. އަދި އެންމެ ބޭނުންވާ ވަޒީފާ ކޮންމެ މީހަކަށް ލިބިގެން ނުދާފަހަރު ވެސް އާދެއެވެ.

ބޮލީވުޑްގެ ބައެއް ތަރިން ވަނީ ބޮޑެތި ތަރިންނަށް ވުމުގެ ކުރިން ވެއިޓަރުންނާއި ޓިއުޝަން ޓީޗަރުން އަދި ކާރު ދޮންނަ މީހުންގެ ވަޒީފާވެސް އަދާކޮށްފައެވެ.

އެގޮތުން ބޮލީވުޑްގެ ސުޕަރ ސްޓާރ އަމީތާބް ބަޗަން ވަނީ ޝިޕިން ކޮމްޕެނީއެއްގެ އެގްޒެކިއުޓިވް ގެ ވަޒީފާ އަދާކޮށްފައެވެ.

ދިލިޕް ކުމާރު ވަނީ ބޮޑު ތަރިއަކަށް ވުމުގެ ކުރިން ކެންޓީން ހިންގާފައިވާއިރު އަރުޝަދް ވަރުސީ ވަނީ ދޮރުން ދޮރަށް ކޮސްމެޓިކްސް ވިއްކާ މީހެއްގެ ރޯލް އަދާކޮށްފައެވެ.

މި ލިޔެލަނީ ބައެއް ތަރިން ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި އެމީހުންގެ ފުރަތަމަ މުސާރަ ޚަރަދު ކުރި ގޮތެވެ.

ކަލްކީ ކޮއިޗްލިން

ކަލްކީ ކޮއިޗްލިން އަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން ވަރަށް ހުނަރުވެރި އެއްތަރިއެވެ.

އޭނާ ބޮލީވުޑަށް ވަނުމުގެ ކުރިން އަދާކޮށްފައިވަނީ ވެއިޓްރެސްއެއްގެ ރޯލެވެ. ކަލްކީއަށް ލިބުނު ފުރަތަމަ މުސާރަ ހޭދަކޮށްފައިވަނީ ގޭގެ ކުލި ދެއްކުމަށެވެ.

އިރްފާން ޚާން

އިރުފާން ޚާން ބުނެފައިވަނީ އޭނާ ހައި ސްކޫލްގައި އުޅުނުއިރު ފައިސާ ހޯދުމަށް ކުދިންނަށް ޓިއުޝަން ދީފައިވާ ކަމަށެވެ. އޭނާއަށް ފުރަތަމަ ލިބުނު މުސާރައަށް ގަނެފައިވަނީ ބައިސްކަލެކެވެ.

އަރުޖުން ކަޕޫރު

އަރްޖުން ކަޕޫރު އެންމެ ފުރަތމަ އަދާކޮށްފައިވަނީ އެސިސްޓެންޓް ޑައިރެކްޓަރ އެއްގެ ރޯލެވެ. އަރުޖުން އަށް ލިބުނު ފުރަތަމަ މުސާ 35000 ރުޕީސް އިން ވަނީ ބޭންކް އެކައުންޓެއް ހުޅުވާފައެވެ.

ރިތިކް ރޯޝަން

ރިތިކް ރޯޝަން ފިލްމް " އާޝާ" ގައި މަސައްކަތްކޮށް އޭނާގެ ފުރަތަމަ މުސާރައިގެ ގޮތުގައި ލިބިފައިވަނީ 100 އިންޑިއަން ރުޕީސް އެވެ. އެ މުސާރައިން އޭނާ ގަނެފައިވަނީ ކުޅޭކުޅޭ ކާރެކެވެ.

ރަންދީޕް ހޫދާ

ރަންދީޕް ހޫދާ އަށް ފުރަތަމަ ލިބުނު މުސާރައަށް ގަނެފައިވަނީ ބިޔަރު ދަޅެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޝާހުރުކް ޚާން

ޝާހުރުކް ޚާން އަކީ ބޮލީވުޑްގެ އެންމެ ބޮޑު އެއްތަރި ނަމަވެސް އޭނާގެ ކާމިޔާބީއަކީ ވެސް އެހާ ފަސޭހައިން ހޯދިފައިވާ ކާމިޔާބީއެއް ނޫނެވެ.

ޝާހު ފުރަތަމަ މަސައްކަތް ކޮށްފައިވަނީ މަޝްހޫރު ގަޒަލް ކިޔުންތެރިޔާ ޕަންކަޖް އުދާސް ކޮންސެޓްގައި އިށީންނަ ގޮނޑި ދައްކަން ހުންނަ މީހާ ގޮތުގައެވެ. ޝާހުއަށް މުސާރައިގެ ގޮތުގައި ލިބިފައިވަނީ 50 ރުޕީސްއެވެ. ޝާހުގެ ފުރަތަމަ މުސާރަ ޚަރަދު ކުރީ ތާޖް މަހަލް ބެލުމަށްޓަކައި އާގްރާއަށް ދިއުމަށް ޓިކެޓް ގަތުމަށެވެ.

އާމިރު ޚާން

އާމިރު ޚާން އަށް ފުރަތަމަ މުސާރައިގައި ލިބިފައިވަނީ 1000 ރުޕީސް އެވެ. އެފައިސާ އޭނާ ދީފައިވަނީ މަންމަ އަށެވެ.

ޕްރިޔަންކާ ޗޯޕްރާ

ޕްރިޔަންކާ އަށް ފުރަތަމަ މުސާރައިގެ ގޮތުގައި ލިބިފައިވަނީ 5000 ރުޕީސްއެވެ. އެފައިސާ ދީފައިވަނީ މަންމައަށެވެ.

ސޯނަމް ކަޕޫރު

ސޯނަމްއަށް ފުރަތަމަ މުސާރައިގެ ގޮތުގައި ލިބުނު ފައިސާ ޚަރަދުކޮށްފައިވަނީ ދަތުރުކުމަށް ބޭނުންވާ އެއްޗިހި ގަތުމަށެވެ.

- ކޮމެންޓް