އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އުދިތް ނާރަޔަން އަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަމުންދާ ކަމަށް މުމްބާއިގެ ފުލުހުން ބުނެފިއެވެ.
ފާއިތުވި އެއްމަސް ދުވަސް ތެރޭގައި ގޮތް ނޭނގެ ނަންބަރަކުން ގުޅައި މަރުގެ އިންޒާރު ދެމުންދާތީވެ އުދިތް ވަނީ އެ މައްސަލަ އަމްބޮލި ޕޮލިސްޓޭޝަން އަށް ހުށައަޅާފައެވެ.
އެ މައްސަލަ އިތުރަށް ބެލުމަށް އަމްބޮލި ޕޮލިސްޓޭޝަނުން ވަނީ މުމްބާއީގެ ކްރައިމް ބްރާންޗުގެ އެންޓި އެކްސްޓޯޝަން ސެލް (އޭއީސީ) އަށް ޓްރާންސްފާ ކޮށްފައެވެ. އުދިތް އަށް މަރުގެ އިންޒާރު ދޭން ގުޅަން ބޭނުންކުރި ފޯނަކީ ވަގަށް ނަގާފައިވާ ފޯނެއް ކަމަށް ފުލުހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެ ނަންބަރު ރަޖިސްޓްރީ ކޮށްފައިވަނީ ލަކްމަން ކިޔާ މީހެއްގެ ނަންމަތީގައެވެ.
އަމްބޮލި ފޮލިސްޓޭޝަންގެ އޮފިޝަލަކު ވިދާޅުވީ، މަރުގެ އިންޒާރާ ގުޅިގެން އުދިތް ދިރިއުޅޭ ގޭގެ ސަރަހައްދުގައި ސަލަމާތީ ކަންތައްތައް ވަރުގަދަކޮށްފައިވާ ކަަމަށެވެ.
ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުން އެ ނަންބަރު ރަޖިސްޓްރީ ކޮށްފައިވަނީ އުދިތް ދިރިއުޅޭ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާ މީހެއްގެ ނަންމަތީގައެވެ. އެމީހާ ބުނެފައިވާ ގޮތުން މީގެ އެއްމަސް ކުރިން އޭނާގެ އަވަށަށް ޗުއްޓީ އަށް ދިޔަ މަގުމަތީގައި ފޯނު ވަގަށް ނަގާފައިވާ ކަމަށެވެ.
އިންޑިއާގެ އެންމެ މޮޅު ޕްލޭބެކް ސިންގަރ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އުމުރުން 63 އަހަރުގެ އުދިތް ވަނީ ގައުމީ ހަތަރު ފިލްމު އެވޯޑެއް ހޯދާފައެވެ. އޭނާގެ ދަރިފުޅު އަދިތްޔާ ނާރަޔަން އަކީ ވެސް ކާމިޔާބު ލަވަކިޔުންތެރިއެކެވެ.